އިހަވަންދޫގައި ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ފިނޭންސް މިނިސްޓްރީގެ ނަންބަރު (IUL)13-K/13/2022/38 (26 ޖަނަވަރީ 2022) އިޢުލާނާ ގުޅިގެން ހުށަހެޅި ބިޑްތައް ބާތިލްކޮށް އަލުން ބީލަމަށް ހުޅިވާލައިފިއެވެ. ކުރީގެ އިއުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބިޑްތައް ބާތިލްކުރި ސަބަބެއް އެމިނިސްޓްރީން ހާމައެއްނުކުރެއެވެ.
މިކަމާއި ގުޅިގެން މިމަހުގެ 21 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީއިން ކޮށްފައިވާ އިއުލާނުގައިވާގޮތުން، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން 7 އޯގަސްޓް 2022 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް ބިޑް ހުށަހަޅަން ޖެހެއެވެ.
ޖެނުއަރީގެ އިއުލާނާއި ގުޅިގެންވެސް ބިޑްތައް ބަލައިގެންފައިވަނީ 7 ވަނަ ފަހަރަށް ތާރީހް ދެންމުމަށްފަހުއެވެ. އިހަވަންދޫގައި ސަރުކާރުން އަޅާ 30 އެނދުގެ ހޮސްޕިޓަލަށް ޖުމްލަ 71،114،130 މިލިއަން ރުފިޔާ ކުރިޔަށް އޮތް ތިން އަހަރު ތެރޭ ހޭދަވާނޭ ކަމަށް ލަފާކޮށްފައިވާއިރު، އަންނަ އަހަރަށް އެ މަޝްރޫއަށް ހަރަދުކުރުމަށް ވަނީ 17،567235 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފަ އެވެ. އަދި 2023 ވަނަ އަހަރަށް އެ މަޝްރޫއަށް 27،300،424 މިލިއަން ރުފިޔާ ހަރަދުވާނޭ ކަމަށް ލަފާކޮށްފައިވާއިރު، 2024 ވަނަ އަހަރަށް ވަނީ 26،246،471 މިލިއަން ރުފިޔާ ހަރަދުވާނޭ ކަމަށް ލަފާކޮށްފަ އެވެ.