Banner Image Description

މަލްޓި ޕާޕޯސްހޯލްގެ އިމާރާތުގެ ނުނިމިހުރި މަސައްކަތްތައް އެމްޓީސީސީއާއި ހަވާލުކޮށްފި

މުޙައްމަދު އަކުރަމް

އިހަވަންދޫ ސްކޫލްގައި އިމާރާތްކުރަމުންދާ މަލްޓި ޕާޕޯސްހޯލްގެ ނުނިމިހުރި މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

އެމްޓީސީސީއާއި މިމަސައްކަތް ހަވާލުކުރީ މިއަދު 14:00 ގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެމަސައްކަތް އެމްޓީސީސީއާއި ހަވާލުކުރީ 240 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 7.7 މިލިއަން ރުފިޔާއަށެވެ.

އެރަސްމިއްޔާތުގައި އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ޝިފާއުގެ އިތުރުން، ގިނަދުވަސްތަކެއްވަންދެން އިހަވަންދޫގެ ބޮޑު ކަތީބުކަން ކުރެއްވި އަދި އިހަވަންދޫގެ މަދަރުސާގެ ނާޒިރުކަންވެސް ކުރެއްވި އަލްފާސިލް އަދުނާން އަބުދުﷲ ބައިވެރިވެލެއްވިއެވެ.

ތަކުރާރުކޮށް އެސްކޮން ބިލްޑަރސްއިން އެއްބަސްވުމާއި ހިލާފުވެފައިވާތީކަމަށްބުނެ، އިހަވަންދޫ ސްކޫލްގައި މަލްޓި ޕަރޕަސް ހޯލެއް ހެދުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން، އެސްކޮން ބިލްޑަރސް ޕްރައިވެޓް ލިމިޓެޑާއެކު ހަދާފައިވާ އެއްބަސްވުންވަނީ އުވާލާފައެވެ. 2019 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 25 ވަނަ ދުވަހު މިމަޝްރޫއު އެސްކޮން ބިލްޑަރސްއާއި ހަވާލުކުރީ 7 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. އެސްކޮންއާއި އެކު ވެފައިވާ އެއްބަސްވުން އުވާލިއިރު ހޯލްއިމާރާތުގެ ކޮންކްރީޓްގެ މަސައްކަތާއި ރޭނުމުގެ ބޮޑުބަޔެއްވަނީ ނިމިފައެވެ. އިހަވަންދޫ ސްކޫލްގައި ހެދުމަށް ހަމަޖެހިފައިވަނީ ގާތްގަނޑަކަށް 418 މީހުންގެ ޖާގައިގެ ހޯލެކެވެ. މި ހޯލުގައި ދެ ޗޭޖިންގް ރޫމާއި، ގުދަނަކާއި، 4 ފާޚާނާ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްޞަ ފާޚާނާ އެއްވެސް ހުރެއެވެ. ދެބުރިއަށް ޢިމާރާތްކުރާ މި ހޯލްގެ މެދަށް ހުސްކޮށް އޮންނަ ގޮތަށް ވަނީ ޑިޒައިން ކޮށްފައެވެ.