އިހަވަންދޫ ސްކޫލްގައި "ޔަންގް ފިޝަރސް ކުލަބް" އުފެއްދުމުގެ މަސައްކަތް ފަށައިފި

މުޙައްމަދު އަކުރަމް

މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަނުން، އިހަވަންދޫ ސްކޫލާއި ގުޅިގެން “ޔަންގް ފިޝަރސް ކުލަބް” ގެ ނަމުގައި ސްޓޫޑަންޓް ބޮޑީއެއް އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ. މިއީ މިފަދަ ކުލަބެއް ރާއްޖޭގެ ސްކޫލެއްގައި ފުރަތަމަ ފަހަރަށް އުފެއްދުމަށްކުރެވޭ މަސައްކަތަށްވާއިރު، މޯލްޑިވެސް ފިޝަމޭންސް އެސޯސިއޭޝަނުންވަނީ އެހަރަކާތާއިބެހޭ މައުލޫމާތު ގްރޭޑް 7 އަދި 8 ގައި ކިޔަވާ ދަރިވަރުންނާއި އެދަރިވަރުންގެ ބެލެނިވެރިންނަށް މިމަހުގެ 23 ވަނަ ދުވަހު ދީފައެވެ.

މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަނުގެ ސެކްރެޓެރީ ޖެނެރަލް ޢަބްދުﷲ ޝާކިރު މުހައްމަދު ވިދާޅުވީ، ދަރިވަރުންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުންވެސް މިކަމަށް ދަރިވަރުންނާއި ބެލެނިވެރިންގެ ވަރަށްބޮޑު ޝައުގުވެރިކަމެއް ހުރިކަމަށް ފާހަގަކުރެވުނުކަމުގައެވެ. އެގޮތުން މިޕްރޮގްރާމްގެ ފުރަތަމަ އަހަރު 30 ދަރިވަރުންނަށް ފުރުސަތު ދޭން ނިންމާފައިވާއިރު، އެއަށްވުރެވެސް ގިނަ ދަރިވަރުންނަށް ފުރުސަތުދިނުމަށް ބެލެނިވެރިންގެ ފަރާތުން އެދުނުކަމަށް ޝާކިރު ފާހަގަކުރެއްވިއެވެ.

ޝާކިރު ވިދާޅުވީ، “ޔަންގް ފިޝަރސް ކުލަބް” ގައި ބައިވެރިވާން ބޭނުންވާކުދިންނަށް އެފުރުސަތު އިހަވަންދޫ ސްކޫލުން ހުޅުވައިލާނެކަމުގައެވެ. ޒުވާނުން މަސްވެރިކަމުގެ ދާއިރާއަށް ޝައުގުވެރިކުރުވުމުގެ މަގްސަދުގައި ކުރިޔަށްގެންދާ މިޕްރޮޖެކްޓަށް އެޑިއުކޭޝަން މިނިސްޓްރީއިން އެޕްރޫވަލް ދީފައިވާކަމަށާއި، އިހަވަންދޫ ސްކޫލްގައި މީގެ ޕައިލެޓް ޕްރޮގްރާމް 1 އަހަރުދުވަހަށް ކުރިޔަށްގެންދިއުމަށް ދިރާގުން ސްޕޮންސަރ ލިބިފައިވާކަމުގައި ޝާކިރު ވިދާޅުވިއެވެ. އަދި ހަމައެހެންމެ ވޭތުވެދިޔަ ދުވަސްތަކުގައި މިކަމަށް މައިޒާން އިލެކްޓްރޯނިކްސްއިން ދެއްވި އަދި ދެއްވަމުންގެންދަވާ އެހީތެރިކަންވެސް ޝާކިރު ފާހަގަކުރެއްވިއެވެ.

“ޔަންގް ފިޝަރސް ކުލަބް” ގައި ބައިވެރިވާ ދަރިވަރުންނަށް މަސްވެރިކަމުގެ ސިނާއަތާއިބެހޭ އެކިކަހަލަ ޕްރޮގްރާމްތައް ހިންގާއިއިރު، މޫސުން ބަލާނޭގޮތާއި، ޗާޓްތައް ބަލާނެގޮތުގެ އިތުރުން ދާއިރާގެ ތަޖްރިބާހުރި ބޭފުޅުންގެ އެހީގައި ތަފާތު ޕްރޮގްރާމްތައް ކުރިޔަށްގެންދިއުމަށް ރާވާފައިވެއެވެ.