Banner Image Description

މިސްކިތްމަގު މައިޒާން ހެދުމުގައި ކޮރަޕްޝަނެއްނެތް – އޭސީސީ

މުޙައްމަދު އަކުރަމް

ހއ. އިހަވަންދޫ މިސްކިތްމަގު މައިޒާން ތަރައްޤީކުރުމުގައި ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިވާކަމަށްބުނެ އާނމުފަރާތަކުން ހުށަހެޅި މައްސަލަޔާއި ގުޅިގެން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރި ތަހުޤީގުން، އެކަމުގައި ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިވާކަން އެނގެން ނެތްކަމަށް އެކޮމިޝަނުން ނިންމައިފިއެވެ.

އޭސީސީއަށް މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވަނީ، މިސްކިތްމަގުގައި ހަދަމުންދާ ޕާކަށް ކައުންސިލްގެ ނިންމުމެއްނެތި، ކައުންސިލް އިދާރާގައިހުރި ކުލަޔާއި ދަވާދު އަދި ދަނގަނޑުހޮޅި ދޫކޮށްފައިވާ ކަމުގައެވެ. އޭސީސީގެ ނިންމުމުގައިވަނީ، މިސްކިތްމަގު ޕާކަށް ކައުންސިލުން ބައެއްތަކެތި ހަދިޔާކޮށްފައިވާކަން އެނގޭކަމަށާއި ނަމަވެސް އެތަކެއްޗަކީ ކައުންސިލުން ހަރަދުކޮށްގެން ގަނެފައިވާ ތަކެއްޗެއް ނޫންކަމުގައެވެ. އަދި އެތަކެތި ބޭނުންކޮށްގެން ތަރައްޤީކޮށްފައިވާ ޕާކަކީ ރަށުގެ ހުރިހާ ރައްޔިތުންނަށް އެކަމުގެ ފައިދާ ލިބޭނެ ތަނެއްކަމަށްވާތީ، އެމައްސަލާގައި ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިވާކަން އެނގެންނެތްކަމުގައެވެ.

މިސްކިތްމަގު މައިޒާނަކީ ޒުވާނުންތަކެއް އިސްނަގައިގެން ތަރައްޤީ ކޮށްފައިވާ މައިޒާނެކެވެ. އިހަވަންދޫގެ ގިނަ ބަޔަކު އެމައިޒާން ބޭނުންކުރާއިރު، އިތުރު އައު މައިޒާނެއް ތަރައްޤީކުރުމުގެ ޕްލޭންތައްވެސް ކައުންސިލުންދަނީ ކުރަމުންނެވެ.