Banner Image Description

އެންމެފަހުން ހޯރަފުށި އެއަރޕޯޓްގައި ޖެޓީ ހެދުމުގެ މަސައްކަތް ފަށައިފި

މުޙައްމަދު އަކުރަމް

ހޯރަފުށީ އެއަރޕޯޓުން ޚިދުމަތް ހޯދާ މީހުންނަށް ފަސޭހަކުރުމަށް، އެއަރޕޯޓްގައި ޖެޓީއެއް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.  މިމަސައްކަތުގެ އަމަލީ މަސައްކަތް ފަށާފައިވަނީ އިއްޔައެވެ.

މިކަމާއި ގުޅިގެން އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މުހައްމަދު ޝިފާއު ސޯޝަލް މީޑިއާގައި ވިދާޅުވީ، ގޮންޖެހުންތަކާއެކުވެސް މިމަސައްކަތް ފެށިގެންދިއުމަކީ އިހަވަންދިއްޕޮޅުގެ ރައްޔިތުންނަށް ލިބުނު ވަރަށްބޮޑު އުފަލެއްކަމަށާއި އެމަސައްކަތް ފެށުމަށް އެކިގޮތްގޮތުން އެހީތެރިކަންދެއްވި ފަރާތްތަކަށް ޝުކުރު އަދާކުރައްވާކަމުގައެވެ.

ހޯރަފުށީ އެއަރޕޯޓްގައި ލަފާފުރުމަށް ވަކި ޖެޓީއެއް ނަހަދާތީ އެކަމުގައި ހުރި ކަންބޮޑުވުން ތުރާކުނާއި ހޯރަފުށި ނޫން، ހއ އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލްތަކުން 2 އޮކްޓޯބަރ 2020 ގަވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހިއްސާކޮށްފައެވެ. އެއާއިއެކު ހޯރަފުށީ ދާއިރާގެ މަޖިލިސް މެމްބަރު ފިޔަވާ ހއ އަތޮޅަށް ނިސްބަތްވާ އަނެއް ހަތަރު މެމްބަރުންވެސްވަނީ ރައީސްގެ ސަމާލުކަމަށް އެކަން ގެންނަވާފައެވެ.

ހޯރަފުށީ އެއަރޕޯޓްގައި ޖެޓީ އެޅުމާއި ދެކޮޅަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމާއި ހޯރަފުށީ ކައުންސިލުން ދިޔައީ ވަރަށްބޮޑަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ހޯރަފުށީ އެއާރޕޯޓުން ފެށިގެން އެރަށުގެ އިރު ދެކުނު ސަރަޙައްދުގައި އަމިއްލަ ޚަރަދުގައި ބިން ހިއްކައިގެން އޮޑި ދޯނިފަހަރު އެހެލާ ސަރަޙައްދަކާއި އަދި ސްލިޕްވޭއެއް ތަރައްޤީކުރުމަށް ޝަޢުގުވެރިވާ ފަރާތެއް ހޯދުމަށް ހޯރަފުށީ ކައުންސިލުން 5 ނޮވެމްބަރ 2020 ގައި އިއުލާންކުރިއެވެ.

މި މަސައްކަތުގެދަށުން 18000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، ޕްރީކާސްޓް އެލް ބްލޮކް ބޭނުންކޮށްގެން ޖެޓީ ހެދުމާއި، ޖިއޯ ބޭގް ރިވެޓްމަންޓެއް ޖެހުން ހިމެނެއެވެ. އަދި ނެރު ބައްތި ޖެހުންވެސް ހިމެނެއެވެ.

މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 5.99 މިލިއަން ރުފިޔާއަށެވެ.