ނެއިބަރހުޑް ވޮލީބޯލް ކަޕް 2022 ފަށައިފި

މުޙައްމަދު އަކުރަމް

ރައްޔިތުންނާ ގުޅިގެން ، ގާތުން ހިދުމަތް ދިނުމުގެ މަގްސަދުގައި އިހަވަންދޫގައި އެކުލަވާލާފައިއޮންނަ ނެއިބަރހުޑް ތަކުގެ މެދުގައި ކުޅެވޭ ނެއިބަރހުޑް ވޮލީބޯލް ކަޕް 2022 ފަށައިފިއެވެ.

ނެއިބަރހުޑް ތަކަށް ނިސްބަތްވާ އަންހެން ކަނބަލުންގެ މެދުގައިކުޅެވޭ މިމުބާރާތުގެ ފުރަތަމަ މެޗްގައި މިއަދު ހަވީރު ބައްދަލުކުރީ ބުލޫ އަދި ރެޑް ނެއިބަރހުޑްއެވެ. މިމެޗް ސީދާ 3 ސެޓުން ކާމިޔާބުކުރީ ރެޑް ނެއިބަރހުޑްއެވެ. އިހަވަންދޫ އޯޕަން ސްޓޭޖް ސަރަހައްދުގައި ކުރިޔަށްދާ މިމުބާރާތުގައި މާދަހަވީރުގެ މެޗްގައި ބައްދަލުކުރާނީ ގްރީން އަދި އޮރެންޖް ނެއިބަރހުޑްއެވެ. 4 ޓީމް ވާދަކުރާ މިމުބާރާތުގެ ފައިނަލަށް ދާނީ ގްރޫޕް ސްޓޭޖުން އެންމެގިނަ ޕޮއިންޓްލިބޭ ދެ ޓީމެވެ. މައުލޫމާތުލިބިފައިވާ ގޮތުގައި މިމުބާރާތުގެ ފައިނަލް މެޗް ކުޅޭނީ މިމަހުގެ 17 ނުވަތަ 18 ވަނަ ދުވަހުއެވެ.

އިހަވަންދޫގައި ތިއްބަވާ ފުލުހުން ރަށުގެ ރައްޔިތުންނާ ގާތުން ގުޅިގެން، އެކުވެރިކަން އާލާ ކުރުމާއި ރައްޔިތުން ހޭލުން ތެރިކަން އިތުރުކުރުމަށް ރަށުގެ ނެއިބަރުހުޑް ތަކުގެ މެދުގައި ތަފާތު ޖެލެންޖްތައްދަނީ ކުރިޔަށް ގެންދަމުންނެވެ.