Banner Image Description

އަނެއްކާވެސް އިހަވަންދޫ ކައުންސިލަށް ސެކްރެޓަރީ ޖެނަރަލެއް ހޯދަނީ

މުޙައްމަދު އަކުރަމް

އިހަވަންދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހަކު ހޯދުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިއުލާންކޮށްފިއެވެ. އިހަވަންދޫ ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމް ހުސްވެފައިވަނީ ކުރިން އެމަޤާމްގައިހުރި އަޙްމަދު ޝިފާއު، އިސްތިއުފާ ދެއްވުމުންނެވެ.

އެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ކަހަލަ ދާއިރާއަކުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 7 ނުވަތަ 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ކަނޑައަޅާފައިވާ މަގާމުގެ މަސައްކަތާ ގުޅޭގޮތުން ތަޖުރިބާ ލިބިފައިވުމެވެ.

ސީއެސްސީން ބުނީ އެ މަގާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު، އިމްތިހާނާއި ޕްރެޒެންޓޭޝަން ހުށަހެޅުން އޮންނާނީ އަންނަ މަހުގެ 9 އަކުން 31 ގެ ނިޔަލަށެވެ. އިންޓަވިއުއާއި ޕްރެޒެންޓޭޝަން އޮންނާނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމަށެވެ.

އެ މަގާމަށް އެދުމުގެ އެންމެ ފަހު މުއްދަތަކީ މިމަހުގެ 29 ވަނަ ދުވަހުގެ މެންދުރު 1:00 ގެ ކުރި އެވެ.

ކައުންސިލްގެ އެސްޖީ އިސްތިއުފާ ދެއްވުމައި ގުޅިގެން ވަގުތީ އެސްޖީއެއްގެ މަޤާމަށް ހަމަޖައްސާފައިވަނީ ކައުންސިލްގެ އެސިސްޓެންޓް އެގްޒެކްޓިވް އަލީ އަރުޝަދުއެވެ.