Banner Image Description

ގޯއްޗަށް އެދުނު މީހުންނަށް ޕޮއިންޓްލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް އާންމުކޮށްފި

ޢަބުދުﷲ ޙަމީދު

އިހަވަންދޫން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށްފި އެވެ.

އިހަވަންދޫ ކައުންސިލުން މިއަދު ކުރި އިއުލާނެއް ގައި ބުނީ ގޯތި ލިބުނު މީހުންގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިފެށޭ ޑިސެމްބަރު މަހުގެ 10 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ކައުންސިލުން ބުނެފައިވަނީ މިއަދު އާއްމު ކޮށްފައި އެވަނީ އިހަވަންދޫން ގޯއްޗަށް އެދިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވުމުން ޕޮއިންޓު ދެވިފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓު ކަމަށެވެ. ގޯތި ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓު އާއްމު ކުރެވޭނީ ހުށައެޅޭ ޝަކުވާތަކާ ގުޅިގެން، މިހާރު އާއްމުކޮށްފައިވާ ލިސްޓަށް އުނިއިތުރެއް ގެންނަން ޖެހޭނަމަ އެ އުނިއިތުރެއް ގެނައުމަށްފަހުގައި ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

އިހަވަންދޫން ދޫކުރަން ނިންމާފައިވަނީ 200 ގޯއްޗެވެ. ނަމަވެސް ގޯއްޗަށް އެދި ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 457 މީހަކު ކުރިމަތިލީކަމަށް އިހަވަންދޫ ކައުންސިލުން ވަނީ ބުނެފައެވެ. ކައުންސިލުން މިއަދު އާއްމުކޮށްފައިވާ ލިސްޓުގައި ވާގޮތުން ގޯއްޗަށް ޝަރުތު ހަމަވުމުން ޕޮއިންޓު ދީފައި ވަނީ 455 މީހަކަށެވެ.