އެންމެން ސިއްސުވާލުމަށްފަހު ފަޔާޒު ޔުނައިޓެޑް ޔޫތަށް

އައިޝަތު އިލްމާ އަދުނާން

ކުރިއަށް އޮތް ޑިސެމްބަރ މަހުގެ ހަވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މައިކަޕް ފުޓުބޯޅަ މުބާރާތުގައި ޔުނައިޓެޑް ޔޫތު ވަނީ ބައިވެރިވުމަށް ނިންމާފައެވެ. ރޭ، ޔުނައިޓެޑް ޔޫތުގެ މެނޭޖްމެންޓުގައި ހިމެނިވަޑަގަންނަވާ ބޭފުޅުންވަނީ ޔުނައިޓެޑް ޔޫތާ ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ޔުނައިޓެޑް ޔޫތުގެ ރަސްމީ ފޭސްބުކު ޕޭޖުގައި ޓީމުގެ މެނޭޖްމެންޓުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންވަނީ އިއުލާން ކޮށްފައެވެ. އެގޮތުން، މިއަހަރު ޔުނައިޓެޑް ޔޫތުގެ ސްކޮޑް ތައްޔާރީތައް ވަމުންދާނީ ތަޖުރިބާކާރު ކޯޗް ހދ.ހިރިމަރަދޫ، ލިލީމާގެ، ހުސެއިން ފަޔާޒު (ފަޔާޒް)ގެ ބެލުމުގެ ދަށުންނެވެ. 2017 ވަނަ އަހަރު ޖަންގަލް ޓީމަށް ޗެމްޕިއަންކަން ހޯދުމުގައި ފަޔާޒް މުހިއްމު ދަރުރެއް އަދާކޮށްފައި ވެއެވެ. އަދި 2018 ވަނަ އަހަރުގެ ރަނަރރަޕްކަން ޖަންގަލް ޓީމަށް ހޯދައިދީފައިވަނީ ފަޔާޒްގެ ކޯޗްކަމުގެ ދަށުންނެވެ.

ޔުނައިޓެޑް ޔޫތަކީ ތަފާތު ދައްކާނެ ޓީމެއްކަން ވޭތުވެދިޔަ އަހަރުތަކުން ވަނީ ސާބިތުކޮށްދީފައެވެ. 2018 ވަނަ އަހަރު ޓީމުގެ މެނެޖަރަކީ ކަނބަލެކެވެ. މިފަހަރު ޓީމުގެ މޭނެޖަރަކީ، ކުޅިވަރުގެ ދާއިރާއަށް އައު މޫނެއްކަމުގައިވި ނަމަވެސް އިޖުތިމާއީ މައިދާނުގައި ދެކެފަރިތަ މޫނެއް ކަމުގައިވާ ހއ.އިހަވަންދޫ، މޫރިތިގެ، ސައުދުﷲ އަހުމަދު ރަޝީދު (ސައުދު) އެވެ.

މިފަހަރުގެ މައި ކަޕްގައި ޔުނައިޓެޑް ޔޫތުގެ ސޯޝަލް މީޑިއާ އެޖެންޓެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ހއ.އިހަވަންދޫ، ބުލޫހައުސްގެ، މުހައްމަދު އަބަދުލް ލަތީފު (ތޯއްޕެ) އެވެ. ތޯއްޕެ ފާހަގަކޮށްލެވެނީ މީހުންނާ ގުޅޭ  ސޯޝަލް މީޑިއާގައި  ވަރަށް އެކްޓިވް ފަރާތެއްގެ ގޮތުގައެވެ.

ރޭ ޔޫތުގެ ޓީމުގެ މެނޭޖުމަންޓްގެ ބޭފުޅުން ޓީމާ ގުޅުނުއިރު، ބައެއް ކުޅުންތެރިންވެސް ވަނީ ކޮންޓްރެކްޓް އައުކޮށްފައެވެ. އިހަވަންދޫގައި ފާހަގަކޮށްލެވޭ ބުންވަރު ރަނގަޅު މިޑްފީލްޑަރ، ހއ.އިހަވަންދޫ، އަސްދޫ، ސައުދުﷲ އަބުދުއް ރަޝީދު ވަނީ ކޮންޓްރެކްޓް އައުކޮށްފައެވެ.

ޔުނައިޓެޑް ޔޫތުގެ ފައުންޑަރ ނައުފަލް އިބްރާހީމް ހާމަކުރައްވާ ގޮތުގައި މި ފަހަރުގެ ބަދަލުތަކަކީ ޓީމަށް ތަށި ކަށަވަރު ކުރުމަށް ގެނެސްފައިވާ ބަދަލުތަކެކެވެ. ކޮންމެ މަގާމަކަށްވެސް ނަގައިފައިވަނީ އެމަގާމަށް އެންމެ ގާބިލް ފަރާތްކަމަށެވެ. “ދޭތިން އެކަށްޗަށް” ކުޅެގެން މިފަހަރު ތަށި ނަގާނީ ޔުނައިޓެޑް ޔޫތުން ކަމަށް ނައުފަލް އިބްރާހިމް ވިދާޅުވިއެވެ.

2015 ވަނަ އަހަރު މައިކަޕްގެ ޗެމްޕިއަން ޓީމަކީ ޔުނައިޓެޑް ޔޫތެވެ.