ހަކުރުބައްޔަށް ސުކުރީން ކުރުމަށް މަރުކަޒު މުވައްޒަފުން ރަށުތެރެއަށް

.

ދުނިޔޭގެ ހަކުރުބަލީގެ ދުވަހާ ދިމާކޮށް، އާއްމުން ހަކުރުބައްޔަށް ސުކުރީން ކުރުމުގެ ހަރަކާތްތަކެއް  އާމިނާދިޔޯ ސިއްހީމަރުކަޒުން ކުރިއަށް ގެންގޮސްފިއެވެ.

އިއްޔެ މެންދުރުފަހު 1:00 އިން ފެށިގެން މަރުކަޒުގެ މުވައްޒަފުންގެ ގުރޫޕުތަކުން ވަނީ ރަށުގެ އެކި ސަރަހައްދު ތަކަށް ޒިޔާރަތްކޮށް، އާއްމު ފަރުދުން ހަކުރުބައްޔަށް ސްކުރީން ކޮށްފައެވެ.  މިގޮތުން ޖުމުލަ 117 މީހުން ސްކުރީން ކޮށްފައިވާ ކަމަށް އާމިނާދިޔޯ ސިއްހީމަރުކަޒުން މައުލޫމާތު ދެއްވައެވެ. އިއްޔެ ހިންގި ހަރަކާތުގައި ވަނީ އާއްމުންނަށް ލޭގެ ޕުރެޝަރ ބެލުމާއި، އިސްކޮޅާއި ބަރުދަން ބަލާ ބޮޑީމާސް އިންޑެކްސް ބުނެދީ ލޭގައި ހަކުރު ހުރި މިންވަރު ބުނެދީފައެވެ. މިހަރަކާތުގައި ލޭގައި ހަކުރުގެ މިންވަރު މަތި އަދި ސްކުރީން ކުރެވުނު އެހެނިހެން ބައިތަކުން ނޯރމަލް ނޫން ފަރާތްތަކަށް ސިއްހީ ރަނގަޅު އާދަތައް އޮޅުންފިލުވާދީ، ބައެއް ފަރާތްތަކަށް ޑޮކްޓަރަށް ދައްކައިގެން ފަރުވާގެ ކަންތައް ގެންދިއުމަށް އިރުޝާދު ދެވިފައި ވާނޭ ކަމަށް ސިއްހީމަރުކަޒުން މައުލޫމާތު ދެއްވައެވެ.

ރަށުގައި އާންމުން އެއްވެ އުޅޭ ސަރަހައްދު ތަކަށާއި ގޭގެއަށް ގޮސްގެން ހިނގުނު މިހަރަކާތްތަކަށް ރަށުގެ ރައްޔިތުންގެ ފަރާތުން ވަރަށް ރަނގަޅު އެއްބާރު ލުމެއް ލިބިފައިވާ ކަމަށް ސިއްހީމަރުކަޒުން ފާހަގަ ކުރައްވައެވެ.

ކޮންމެ އަހަރެއްގެ ނޮވެމްބަރު 14، ހަކުރުބަލީގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ހަކުރުބައްޔާ މެދު މައުލޫމާތު އިތުރުކުރުމަށާއި ބަލިން ރައްކާތެރިވެ ތިބުމަށް އަޅަން ޖެހޭ ފިޔަވަޅުތަކާ މެދު ހޭލުންތެރިކަން ބޮޑުކުރުމުގެ މަގުސަދުގަ އެވެ. މި އަހަރުގެ ހަކުރުބަލީގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ “ހަކުރުބައްޔާއި އާޢިލާ” އެވެ.