Banner Image Description

އިހަވަންދޫ ހުވާސް ފިހާރައިން ވަގަށްނެގި ފައިސާގެ ތެރެއިން ބައެއް ހޯދައިފި

ޢަބުދުﷲ ޙަމީދު

ހއ. އިހަވަންދޫ ހުވާސް ފިހާރަ ފަޅާލައި ވަގަށް ނަގާފައިވާ ފައިސާގެ ތެރެއިން ބައެއް ހޯދިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.

މިދިޔަ ޖަނަވަރީ މަހުގެ 26 ވަނަދުވަހު ފުލުހުންނަށް ހުށައެޅުނު މައްސަލައާ ގުޅިގެން އެ ފައިސާ ހޯދުމަށް ފުލުހުންގެ ތަހުގީގުގެ ތެރެއިން ގިނަ މަސައްކަތްތެއް ކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. އެގޮތުން، ވަގަށް ނަގާފައިވާ 230,000 ރުފިޔާގެ ތެރެއިން 72،620 ރުފިޔާ މިހާތަނަށް ހޯދިފައިވާ ކަމަށާއި އެ ފައިސާ ހޯދާފައިވަނީ މޫދުންނާއި އިހަވަންދޫގެ ގެއެއްގައި ފޮރުވާފައި ހުއްޓައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިނޫހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ކުރިން ވިދާޅުވެފައިވަނީ، ހުވާސް ފިހާރަ ފަޅާލައި ވައްކަން ކުރި މައްސަލައާ ގުޅިގެން 29 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. މިދެމީހުންގެ ބަންދަށް އިހަވަންދޫ މެޖިސްޓުރޭޓު ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.