Banner Image Description

ޔޫތްސެންޓަރު އަޅަނީ 11 މިލިއަނަށްކަމަށްބުނާ ވާހަކަ ދޮގުކޮށްފި

މުޙައްމަދު އަކުރަމް

އިހަވަންދޫގައި އިމާރާތްކުރަމުންދާ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރުގެ މަސައްކަތް  ޓޫ އޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ 11 މިލިއަން ރުފިޔާއަށްކަމަށްބުނެ ދައްކާވާހަކަ، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ދޮގުކޮށްފިއެވެ.

ޔޫތް މިނިސްޓްރީއިން މިނޫހަށް މައުލޫމާތު ދިންގޮތުގައި އިހަވަންދޫގައި އިމާރާތްކުރަމުންދާ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރުގެ މަސައްކަތް  ޓޫ އޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ 4769741.15 (ހަތަރު މިލިއަން ހަތްސަތޭކަ އޮނަފަންސާސްހާސް ހަތްސަތޭކަ އެކާޅީސް ރުފިޔާ ފަނަރަ ލާރި) އަށެވެ. ޓޫ އޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަކީ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު، އަދި މިހާރު ބާރަށު ދާއިރާގެ އިއްޒަތްތެރި މެމްބްރު އަހްމަދު އަބުދުﷲގެ ކުންފުންޏެކެވެ.

އިހަވަންދޫގައި ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން އިއުލާންކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އެމަސައްކަތްކުރުމަށް ޓޫ އޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި މިނިސްޓްރީ އޮފް ޔޫތުން ހަވާލުކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. ސެންޓަރު އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ މާރިޗް މަހުގެ 14 ވަނަ ދުވަހުއެވެ.