ހިލޭސާބަހަށް ޤުރުއާނުގެ އިލްމު އުގަންނައިދިނުމުގެ މަޤްސަދުގައި ކުރިޔަށް ގެންދާ ދަރުމަ ޤްރުއާން ހަރަކާތް އިފްތިތާޙްކޮށްފިއެވެ. މިހަރަކާތް އިފްތިތާޙްކުރީ މިރޭ އެކަމަށް ހާއްސަކޮށްގެން އިހަވަންދޫ ސްކޫލުގައި ކުރިޔަށްގެންދިޔަ ޙަފްލާގައެވެ.
މިހަރަކާތަކީ އިހަވަންދޫ ހޯރަ އިބްރާހިމް މޫސާ އިސްނަންގަވައިގެން ދަރުމަވެރިއެއްގެ އެހީތެރިކަމާއިއެކު ކުރިޔަށްގެންދާ ހަރަކާތަކެވެ. މިރޭގެ ހަފްލާގައި ވާހަކަ ދައްކަވަމުން އިބްރާހިމް މޫސާ ވިދާޅުވީ “ދަރުމަ” އިގެ މިއަހަރު ފެށިގެންމިދާ ހަރަކާތަކީ އަދި ފެށުމެއްކަމަށާއި އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތްތަނުގައި މިހަރަކާތް މިއަށްވުރެ ފުރިހަމަކުރުމަށް މަސައްކަތް ކުރާނެކަމުގައެވެ. “ދަރުމަ” އިގެ ދަށުން މިއަހަރު އިހަވަންދޫގެ 60 ކުއްޖަކަށް ހިލޭ ޤުރުއާން ކިޔެވޭނެ މަގުވަނީ ހަމަޖައްސާފައެވެ. އިހަވަންދޫގައި ޤުރުއާން ކުލާސްހިންގާ ހަތަރު މުދައްރިސުންނަށް އެ 60 ކުދިންވަނީ ކޮންމެ މުދައްރިސަކަށް 15 ކުދިންގެ މަގުން ބަހާލާފައެވެ. އެ ހަތަރު މުދައްރިސުންނަކީ ހަލީމަތު ޖައުދާ، މަރިޔަމް އިބްރާހިމް، ޒުހައިރާ އަބުދުލް ވައްހާބު އަދި މަރިޔަމް އަޒީމާއެވެ. މިރޭގެ ހަފުލާގައިވަނީ މިއަހަރު މިހަރަކާތުގެ ދަށުންހިލޭ ޤުރުއާން ކިޔެވުމުގެ ފުރުސަތު ދީފައިވާ 60 ކުދިންގެ ނަމާއި އެކުދިންގެ މުދައްރިސުންގެ ނަން އިއުލާންކޮށްފައެވެ.
މިރޭގެ ހަފްލާގެ ޝަރަފުވެރި މެހެމާން، އިހަވަންދޫ ސްކޫލްގެ ޕްރިންސިޕަލް އަލްފާސިލް އަޙްމަދު ރަޝީދުގެ ވާހަކާގައި ބޮޑަށް އަލިއަޅުއްވައިލެއްވީ ޤުރުއާނުގެ އިލްމު އުނގެނުމުގެ މުހިއްމުކަމުގެ މައްޗަށެވެ. އެގޮތުން އެހެން އިލްމުތައް ދަސްކޮށްދިނުމަށް ކުރާ މަސައްކަތަށްދޭ އަހަންމިއްޔަތަށްވުރެ އިތުރު އަހައްމިއްޔަތެއް ޤުރުއާނުގެ އިލްމް އުނގެނުމަށް ދިނުމަށް، ރަޝީދު އިރުޝާދުދެއްވިއެވެ.