އިންޖީނުގޭގެ 3 މަސައްކަތެއް ކޮށްދޭނެފަރާތެއް ހޯދަނީ

ޢަބުދުﷲ ޙަމީދު
ފެނަކަ އިހަވަންދޫ ބުރާންޗަށް އަލަށްގެނަ ޖަނަރޭޓަރ ސެޓު އިންސްޓޯލް ކުރުމުގެ މަސައްކަތުގެ ތެރެއިން. ފޮޓޯ: ފެނަކަ އިހަވަންދޫ ބުރާންޗް

ފެނަކަ ކޯޕަރޭޝަން އިހަވަންދޫ ބުރާންޗުގެ ޑެގް ރޫމް ބޮޑުކުރުމާއި، ޗިމްނީ އިމާރާތް ކުރުމާއި އަދި ޑޭ ޓޭންކެއް ހަދައިދޭނެ ފަރާތެއް ހޯދަން އިއުލާނު ކޮށްފިއެވެ.

ސަރުކާރުގެ ގެޒެޓްގައި ފެނަކަ ކޯޕަރޭޝަނުން މިއަދު ކުރި އިއުލާނުގައި ވަނީ އެ ކުންފުނިން ދޭ މަޢުލޫމާތާއި، ކުރެހުމާއި، ބީ.އޯ.ކިޔުއާއި އެއްގޮތަށް އިހަވަންދޫ އިންޖީނުގޭގެ ޑެގް ރޫމް ބޮޑުކުރުމާއި، ޗިމްނީ އިމާރާތް ކުރުމާއި އަދި ޑޭ ޓޭންކު ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އަންނަ މަހުގެ 13 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންނަ މަހުގެ 21 ވާ ހޯމަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ފެނަކައިން އެދެއެވެ، މަޢުލޫމާތު ސާފުކުރެއްވުމާއި އަންދާސީ ހިސާބު ހުށަހަޅާނީ ފެނަކަ ހެޑްއޮފީސް (ޕޯރޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ގައެވެ.

އިހަވަންދޫގެ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި ދާދިފަހުން އިހަވަންދޫ އިންޖީނުގެއަށް ވަނީ 600 ކިލޯވޯޓުގެ އައު ޖަނަރޭޓަރެއް ގެނެސް އިންސްޓޯލް ކޮށްފައެވެ.