Banner Image Description

އިހަވަންދޫގައި ޕްލާސްޓިކް މަދުކުރަން ކައުންސިލުން މަސައްކަތް ފަށައިފި

ޢަބުދުﷲ ޙަމީދު

އިހަވަންދޫގައި ޕްލާސްޓިކް ބޭނުންކުރުން އެއްކޮށް ހުއްޓާލަން އިހަވަންދޫ ކައުންސިލުން މަސައްކަތް ފަށައިފި އެވެ.

އެއްފަހަރު ބޭނުންކޮށްފައި އެއްލައިލާ ޕްލާސްޓިކު ބޭނުންކުރުން މަދުކުރުމަށް މިއަދު އިހަވަންދޫ ކައުންސިލުން ފެއްޓެވި މަސައްކަތް އިފުތިތާހުކުރުމުގެ ރަސްމިއްޔާތުގައި، އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ، އިހަވަންދޫ ކައުންސިލުން މިއަދު މިފެށި މަސައްކަތަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކު ބޭނުންކުރުން 2023 ވަނަ އަހަރު އަންނަން ވާއިރަށް ރާއްޖޭން ހުއްޓާލުމަށް ސަރުކާރުން ކުރައްވާ މަސައްކަތަށް އެއްބާރުލުންދީ މިސިޔާސަތު ތަންފީޒުކުރުމެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިހަވަންދޫ ކައުންސިލްގެ ޑިރެކްޓަރ އިބްރާހީމް ނަޝީދު މޫސާ ވިދާޅުވީ އިހަވަންދޫގައި ވަރަށްގިނަ އަދަދެއްގެ ކުނި އުފެދޭކަމަށާއި، އެކުނި ރަނގަޅަށް މެނޭޖް ނުކުރެވޭތީވެ، ރަށުގައި ބަލިމަޑުކަން އަވަސްއަވަހަށް ފެތުރޭކަމަށާއި، ރަށުގައި އުފެދޭ ކުނީގެ ތެރޭގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކު ގިނަކަން ފާހަގަކުރެއްވިއެވެ.

“އަޅުގަނޑުމެންގެ އަވަށްޓެރި އިންޑިޔާ، 1.37 ބިލިއަން އާބާދީގައިވެސް މިހާރު، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކު ބޭނުންކުރުން ހުއްޓާލުމުގެ އަމަލީ މަސައްކަތް ފަށައިފި. ފިހާރަތަކުގައި ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކޮށްފި ނަމަ ޖޫރިމަނާކުރޭ. އެހެންވެ، ފިހާރަތަކުގައިވެސް ބޭނުންކުރަނީ ފޮތި ކޮތަޅު. އަޅުގަނޑުމެންވެސް މިރަށުގެ ވިޔަފާރިވެރިންނާއި ކަމާބެހޭ ފަރާތްތަކާއި މަޝްވަރާކޮށް ، ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރެވޭތޯ މަސައްކަތް ކުރާނަން” ކައުންސިލްގެ ޑިރެކްޓަރ އިބްރާހީމް ނަޝީދު މޫސާ ވިދާޅުވިއެވެ. އިރާދަކުރެއްވިއްޔާ އެއްފަހަރު ބޭނުންކޮށްފައި އެއްލައިލާ ޕްލާސްޓިކު ބޭނުންނުކުރާ ރަށަކަށް އަޅުގަނޑުމެން އިހަވަންދޫ ހަނދާނަމެވެ.

އެއްފަހަރު ބޭނުންކޮށްފައި އެއްލައިލާ ޕްލާސްޓިކު ބޭނުންކުރުން މަދުކުރުމަށް އިހަވަންދޫ ކައުންސިލުން މިއަދު ފެށި މަސައްކަތުގައި، އިހަވަންދޫގެ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް ބިއްލޫރި ފުޅި އެކައުންސިލުން ހަދިޔާކުރުންވެސް އޮތެވެ.

އަދި އެރިސްޑެކަރގެ ފަރާތުން އިހަވަންދޫ ކައުންސިލަށް ވޯޓަރ ޕިޔުރިފިކޭޝަން ޕުލާންޓެއް ހަދިޔާކުރުންވެސް އޮތެވެ. އެރިސްޑެކަރގެ ފަރާތުންވަނީ އިހަވަންދޫގެ ހުރިހާ މުއައްސަސާތަކަށް ފެން ޕުލާންޓެއް ހަދިޔާކޮށްފައެވެ.