އިހަވަންދޫ ސްކޫލްގައި މަލްޓި ޕަރޕަސް ހޯލެއް ހަދަން ބަޔަކާ ހަވާލުކޮށްފި

.

އިހަވަންދޫ ސްކޫލްގައި މަލްޓި ޕަރޕަސް ހޯލެއް ހެދުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބަޔަކާ ހަވާލުކޮށްފިއެވެ. އެމިނިސްޓްރީން މިމަޝްރޫޢު ހަވާލުކުރީ އެސްކޮން ބިލްޑަރސް ޕްރައިވެޓް ލިމިޓެޑާއެވެ.

މިމަޝްރޫޢުގެ ދަށުން އިހަވަންދޫ ސްކޫލްގައި ހެދުމަށް ހަމަޖެހިފައިވަނީ 2 ބުރީގެ ޢިމާރާތެކެވެ. ޕީ.އެސް.އައި.ޕީ ބަޖެޓުން 6.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ހަދާ މިޢިމާރާތުގެ މަސައްކަތް އެސްކޮން ބިލްޑަރސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރީ 7 މަސްދުވަހުގެ ތެރޭގައި ނިންމުމަށެވެ.

އިހަވަންދޫ ސްކޫލްގައި ހެދުމަށް ހަމަޖެހިފައިވަނީ ގާތްގަނޑަކަށް 418 މީހުންގެ ޖާގައިގެ ހޯލެކެވެ. މި ހޯލުގައި ދެ ޗޭޖިންގް ރޫމާއި، ގުދަނަކާއި، 4 ފާޚާނާ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްޞަ ފާޚާނާ އެއްވެސް ހުރެއެވެ. ދެބުރިއަށް ޢިމާރާތްކުރާ މި ހޯލްގެ މެދަށް ހުސްކޮށް އޮންނަ ގޮތަށް ވަނީ ޑިޒައިން ކޮށްފައެވެ.

މިމަޝްރޫޢު ޙަވާލުކުރުމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ އެޑިޔުކޭޝަން އަހުމަދު ރިޔާޒް އެވެ.   އެސްކޮން ބިލްޑަރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޝައުކަތު އަހުމަދު ދީދީ އެވެ.

އިހަވަންދޫ ސްކޫލް ފުރަތަމަ ރަޖިސްޓްރީ ވެފައި ވަނީ 25 މެއި 1969 ވަނަ އަހަރު “މަކްތަބުއް ނޫރު”ގެ ނަމުގައެވެ. ސްކޫލުގައި ކިޔަވާ ދަރިވަރުންނާއި ބެލެނިވެރިންގެ އެންމެބޮޑު ޝަކުވާއަކަށް ވެފައިއޮންނަނީ ސްކޫލު ހޯލެއްނެތުމުގެ މައްސަލައެވެ. ސްކޫލުގެ ހޯލެއްގެ ގޮތުގައި މިހާރު ބޭނުންކުރަމުން އަންނަނީ ޕާޓިޝަން ޖަހައިގެން ބޭނުން ކުރަމުންދާ ކްލާސްރޫމު ބަރިއެކެވެ.

އިހަވަންދޫ ސްކޫލަށް 50 އަހަރު ފުރޭ، ރަންޔޫބިލް ރަސްމިއްޔާތާއި ގުޅުވައިގެން އެސްކޫލްގައި ގިނަ ހަރަކާތްތަކެއް މިއަހަރު ކުރިއަށްގެންދެއެވެ.