އިހަވަންދޫ ކައުންސިލްގެ ޕާފޯމެންސް ދުވަހަކު ނުދާހާ ދަށަށް

.

2018 ވަނަ އަހަރު ކައުންސިލްތައް ހިންގި ގޮތަށްބަލައި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިއްޔަ އާންމުކުރި ޕާފޯރމެންސް އިންޑެކްސްގައި ހއ އަތޮޅުން އެންމެ ފުލުން މާކްސް ލިބުނު ކައުންސިލަށް އިހަވަންދޫ ކައުންސިލް ހިމެނިއްޖެއެވެ. މިއީ އެލްޖީއޭއިން ކައުންސިލްތަކުގެ ޕާފޯމެންސް ބަލަންފެށިފަހުން އިހަވަންދޫ ކައުންސިލަށް އެންމެ ދަށްކޮށް މާކުސް ލިބުނު ފަހަރެވެ.

2018 ވަނަ އަހަރުގެ ރަށު ކައުންސިލަތަކުގެ ޕާފޯރމެންސް އިންޑެކްސްގައި މުޅި ރާއްޖެއިން އިހަވަންދޫ ކައުންސިލަށް ލިބިފައިވަނީ 120 ވަނައެވެ. މިއީ 2017 ވަނައަހަރުގެ ޕާފޯމަންސް އިންޑެކްސް އާ އަޅާ ބަލާއިރު 64 ދަރަޖައިގެ ވެއްޓުމެކެވެ. 2017 ވަނަ އަހަރުގެ އިންޑެކްސް ގައި އިހަވަންދޫ ކައުންސިލަށް ލިބިފައި ވަނީ މުޅި ރާއްޖެއިން 56 ވަނަ އެވެ. އަދި 2016 ވަނައަހަރު 66 ވަނަ ހޯދާފައިވެއެވެ.

ހއ އަތޮޅުން އިހަވަންދޫކައުންސިލަށް އެންމެ ދަށްކޮށް މާކްސް ލިބިފައިވާއިރު، އެއްވަނަ ހޯދާފައިވަނީ ކެލާ ކައުންސިލެވެ. އަދި ދެވަނަ ހޯދާފައިވަނީ މާރަންދޫ ކައުންސިލުންނެވެ.

2017 ވަނަ އަހަރު އިހަވަންދޫގައި ފާހަގަކުރި މަސްވެރިންގެ ދުވަހާއިގުޅިގެން ހިނގާދިޔަ ކަންކަމުގެ ސަބަބުން ކަމަށްބުނެ، 31 ޖެނުއަރީ 2018 އިން ފެށިގެން މުސާރަ ނުލިބޭގޮތަށް އެކިފަހަރުމަތިން އިހަވަންދޫ ކައުންސިލްވަނީ 6 މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް ސަސްޕެންޑް ކޮށްފައެވެ. އަދި އެއަށްވުރެ ދިގުމުއްދަތަކަށް ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ސަސްޕެންޑްކޮށްފައިވާކަން ފާހަގަކުރެވެއެވެ. އިހަވަންދޫ ކައުންސިލަރުން ސަސްޕެންޑް ކޮށްފައިވާތީ 2018 ވަނަ އަހަރުގެ ބޮޑު ބައެއްގައި ކައުންސިލް ހިންގުން އެލްޖީއޭއިން ހަވާލުކޮށްފައިވަނީ ކައުންސިލްގެ ޒިންމާދާރު ވެރިޔާއަށެވެ.