Banner Image Description

ކުނިގޮނޑު ފުރި ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ ބިރު ހީވެފައި

ޢަބުދުﷲ ޙަމީދު

އިހަވަންދޫގައި ކުނި ނައްތާލުމުގެ މަސައްކަތް ހުއްޓިފައިވާތީ ކުނިގޮނޑު ފުރި މިވަގުތު ވަނީ ރަށުގައި ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ ބިރު ހީވެފައެވެ.

ކުނިގޮނޑުގެ ކުނި މެނޭޖު ކުރުމުގެ މަސައްކަތް ކުރަމުން ގޮސްފައި ވަނީ އިހަވަންދޫ ކައުންސިލް އިންނެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ރަޝީދު މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އިހަވަންދޫގެ ކުނިގޮނޑަށް މިހާރު އޮތް ހާލަތް މެދުވެރިވެފައި ވަނީ ކުނިގޮނޑުގެ މަސައްކަތަށް ކައުންސިލުން ނަގާފައިވާ މުވައްޒަފު، އޭނާގެ ވަޒީފާ ދޫކޮށްލުމުގެ ސަބަބުން ކުނި މެނޭޖުކުރުމުގެ މަސައްކަތް ހުއްޓިފައިވާތީ ކަމަށެވެ.

ކުރިން، އަންދާ ކުންޏާއި ނާންދާ ކުނި ވަކިން ކުނިގޮނޑަށް ޖަމާކުރަމުން ދިޔަނަމަވެސް މިވަގުތު ކުނިގޮނޑުގެ ހާލަތު ހުރިގޮތުން ދެބާވަތުގެ ކުނިތައް ވަނީ މަސްހުނިވެފައިކަން ފާހަގަ ކުރެވެއެވެ.

ކުނިގޮނޑު މެނޭޖު ނުކުރެވި ދިޔަ 15 ވަރަކަށް ދުވަސްތެރޭގައި ގިނަ ޢަދަދެއްގެ ކުނި ކުނިގޮނޑަށް ޖަމާކުރުމުގެ ސަބަބުން އެތަން މިހާރު އޮތީ ގާތްގަނޑަކަށް ފުރިފައެވެ. ކުނި އަޅަމުން ގޮސް ކުނިގޮނޑަށް ވަންނަ ގޭޓާއި 5 ފޫޓެއްހާ ކާރިއަށް ކުނިތައް ޖަމާވެފައިވާއިރު، ރައީސް ވިދާޅުވީ، އައު މުވައްޒަފަކު ނެގުމަށްޓަކައި ކައުންސިލުން އިޢުލާނު ކޮށް، މިމަހުގެ 16 ވަނަ ދުވަހު އިޢުލާނުގެ މުއްދަތު ހަމަވިއިރު ދެފަރާތަކުން އެމަސައްކަތަށް ކުރިމަތިލާފައިވާ ކަމަށެވެ. އަންނަ ހަފުތާގެ ތެރޭގައި މުވައްޒަފަކު ނެގޭނެ ކަމަށް ލަފާކުރެވޭކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބަޖެޓު ހަމަޖެހިފައިވާ ގޮތުން އެމަސައްކަތައް ނެގެން އޮތީ އެންމެ މުވައްޒަފެއްކަމަށްވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

މީގެ ކުރިންވެސް އިހަވަންދޫގެ ކުނިގޮނޑު މެނޭޖު ނުކުރެވި މިހާރު އޮތް މިންވަރަށްވުރެ ހާލަތު ގޯސްވުމުގެ ސަބަބުން ކައުންސިލުން ބޮޑު ހަރަދެއް ކޮށްގެން ކުނި ގޮނޑު ސާފުކޮށްފައިވާކަން މުޙައްމަދު ރަޝީދު ފާހަގަ ކުރެއްވިއެވެ. ބަޔަކާ ހަވާލުކޮށްގެން އެފަހަރު ކުނިގޮނޑު ސާފުކޮށްފައި ވަނީ 60 ހާހެއްހާ ރުފިޔާ ހަރަދުކޮށްގެންނެވެ. މިވަގުތު ބަޖެޓު ނެތުމުގެ ސަބަބުން އެފަދަ ގޮތަކަށް ކުނިގޮނޑު ސާފުކުރުމުގެ މަސައްކަތް ކުރެވެން ނެތްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ، ރައީސުލްޖުމުހުރިއްޔާގެ އޮފީހުގައި ދަންނަވާގެން ވީހާވެސް އަވަހަކަށް ކުނިގޮނޑޫ ގެންދެވޭތޯ މަސައްކަތް ކުރެވުނު ކަމަށެވެ. މިހާރު ރައީސުލްޖުމުހުރިއްޔާގެ އޮފީހުން ވަނީ މުޅިރާއްޖޭގެ ކުނިގޮނޑުތައް ނެގުމަށް ނިންމާފައިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެމަޝްރޫއުގެ ދަށުން އިސްކަންދޭ ރަށެއްގެ ގޮތުގައި އިހަވަންދޫ ހިމަނާފައިވާ ކަމަށާއި އަންނަމަހު ފެށޭ ހިސާބުގަ ނޫނީ މެދުތެރޭ ކުނިގޮނޑު ނަގާދޭނެ ކަމަށް މަޢުލޫމާތު ލިބިފައި ވާކަމަށެވެ.