ބޮޑުޖަމާޢަތުގައި ކުރެވުނު ޢީދު ނަމާދާ އެކު ޢީދުގެ ހަރަކާތްތައް ފަށައިފި

ޢަބުދުﷲ ޙަމީދު

ސުންނަތާއި އެއްގޮތަށް ބޮޑުޖަމާޢަތުގައި ކުރެވުނު ޢީދު ނަމާދާއެކު ޢީދުގެ ހަރަކާތްތައް އިހަވަންދޫގައި ފަށައިފިއެވެ.

ޢީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރީ ހުރަވީ ފުޓުބޯޅަ ދަނޑުގައެވެ. ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދިންވެސް ބައިވެރިވި މި ޢީދު ނަމާދުގައި އިސްވެ ނަމާދު ކުރެއްވީ ހއ.އިހަވަންދޫ، އާހިޔާ ، އަލްފާޟިލް އަޙުމަދު ރަޝީދެވެ. ހުރަވީ ދަނޑުގެ އިތުރުން ތަޢުބާ މިސްކިތުގައިވެސް މިއަދު ޢީދު ނަމާދު ކުރުން އޮތެވެ.

ޢިދުނަމާދު ހާމަ ތަނެއްގައި ކުރުމަކީ ސުންނަތެކެވެ. ވާރޭވެހުން ފަދަ ޢުޒުރަކާއި ނުލާ އެއްވެސް ޢީދުނަމާދެއް ނަބިއްޔާ {ޞޢވ} މިސްކިތެއްގައި ކުރެއްވިކަން ސާބިތުވާކަށް ނެތެވެ. އެކަލޭގެފާނަށްފަހު އެކަލޭގެފާނުގެ ހަތަރު ޚަލީފާއިންވެސް ކަންކުރެއްވީ މިމަގުންނެވެ.

އިހަވަންދޫ ކައުންސިލުން ރަށުގެ މުވައްސަސާ ތަކާއި ކުލަބު ޖަމިއްޔާތައް އަދި ހެޔޮއެދޭ ފަރާތްތަކާއި ގުޅިގެން  “ބަދަހި ޢީދު” ގެ ނަމުގައި ޢީދުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން މިވަގުތު ކުރިއަށް ދަނީ އުޞުހިޔާ ކަތިލުމުގެ ހަރަކާތެވެ.

ހެނދުނު 9:00 އިން ފެށިގެން ކުލަ ހަރަކާތުގެ ނަމުގައި ފެނާއި ކުލަ ޖެހުމުގެ ހަރަކާތާއި ޢީދު ހަދިޔާ ބެހުމުގެ ހަރަކާތް އޮންނައިރު، މީހުންގެ އަގުބޮޑު މުދަލައް ގެއްލުން ނުވާނޭ ގޮތަށް މިފަދަ ހަރަކާތްތައް ގެންދިއުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

ބަދަހި ޢީދުގެ ހަރަކާތްތަކުގެ ތެރެއިން ޢީދު ވެދުމާ ދިޔުން މިއަދު ހަވީރު 4:15 ގައި އޮންނަ އިރު ކުޑަކުދިންގެ ހަވީރު 4:30 ގައި އޮންނާނެ އެވެ. އަދި ހަވީރު 5:15 ގައި ބަދަހި ސައިފޮދު އޮންނައިރު މިރޭ 8:30 ގައި ބިރުވެރި ހޮހަޅަ އަދި ސްޓޯލްތަކުގެ ހަރަކާތްތައް އޮންނާނެއެވެ. މިހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިހަވަންދޫ ދެކުނު ފަރާތު ބަނދަރުމަތީގައެވެ.