އިހަވަންދޫ ސްކޫލަށް ލިބުނު ކާމިޔާބީ ފާހަގަ ކޮށްފި

އިބްރާހިމް ނަޝީދު

އިހަވަންދޫ ސްކޫލަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ނިމިދިޔަ ހަފުތާ ބަންދުގައި ކުރިއަށް ގެންދިޔަ ގޯލްޑެން ޖުބްލީ އިންވިޓޭޝަން ކަޕް ފުޓްބޯޅަ މުބާރާތުގައި އިހަވަންދޫ ސްކޫލުން ހޯދި ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން އިހަވަންދޫ ސުކޫލުގައި ރޭ ހާއްސަ ހަފުލާއެއް ބާއްވައިފިއެވެ.

އިހަވަންދޫ ސްކޫލުގެ އިތުރުން ހއ. ހޯރަފުށީގައި ހުންނަ ހއ އަތޮޅު މަދަރުސާއާއި ހއ ދިއްދޫގައި ހުންނަ ހއ އަތޮޅު ތަޢުލީމީ މަރުކަޒު އަދި މާރަންދޫ ސްކޫލު ވާދަކުރި މި މުބާރާތުގެ ޗެމްޕިއަންކަން އިހަވަންދޫ ސްކޫލުން ހޯދީ ފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިގެން ހއ އަތޮޅު ތަޢުލީމީ މަރުކަޒު ބަލިކޮށްގެންނެވެ.

އިހަވަންދޫ ސްކޫލުގެ ބެލެނިވެރިންނާއި ދަރިވަރުން އަދި އިހަވަންދޫގައި ހުރި ސަރުކާރު މުއައްސަސާތަކުގެ ވެރިންގެ އިތުރުން އެންމެހައި ސަޕޯޓަރުންނަށް ދަޢުވަތުދީގެން ރޭ ބޭއްވި ހަފުލާއަކީ އިހަވަންދޫ ސްކޫލުގެ މުވައްޒަފުންގެ ފަރާތުން އިންތިޒާމުކުރި ހަފުލާއެވެ. މި ހަފުލާގައި ގިނަ ޢަދަދެއްގެ ދަރިވަރުންނާއި ބެލެނިވެރިން އަދި ސަޕޯޓަރުން ބައިވެރިވިއެވެ.

ރޭގެ ހަފުލާއަށް ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން އައުމުން އެފަރާތްތަކަށް މަރުޙަބާކީ އެ ކުޅުންތެރިންގެ ޢައިލާގެ މެމްބަރުންނެވެ.

ރޭގެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ސްކޫލުގެ ޕްރިންސިޕަލް އަޙްމަދު ރަޝީދުވަނީ މުބާރާތުގެ އެންމެހައި ކަންތައްތަކުގައި އެހީތެރިވެދެއްވި ފަރާތްތަކަށް ޝުކުރުއަދާކުރައްވައިފައެވެ. އެގޮތުން ސުކޫލުގެ މުވައްޒަފުންނާއި ބެލެނިވެރިން، ދަރިވަރުން އަދި ކުލަބު ޖަމިއްޔާތަކާއި އެކިއެކި މުއައްސަސާތަކުން ވެދެއްވި ފުރިހަމަ އެއްބާރުލުން ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ.

ރޭގަ ހަފުލާގައި ޓީމުގެ ކުޅުންތެރިންނަށާއި އޮފިޝަލުންނަށް، ޕޮއިސްގެ އެހީތެރިކަމާއެކު ސްކޫލުގެ ފަރާތުންވަނީ ގިފްޓް ޕެކެއް ހަދިޔާކޮށްފައެވެ. އަދި މުބާރާތުގެ ސްޕޮންސަރުންނަށާއި މުބާރާތަށް އެކިއެކި ގޮތްގޮތުން އެހީތެރިވެދެއްވި ފަރާތްތަކުގެ އަގުވަޒަންކޮށް އެފަރާތްތަކަށް ސެޓްފިކެޓް ދިނުން ރޭގެ ހަފުލާގައި އޮތެވެ.

ގޯލްޑެން ޖުބްލީ އިންވިޓޭޝަން ކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި ރަސްމީކޮށް ސްކޫލާ ހަވާލުކުރީ ރޭގެ ހަފުލާގައެވެ. މި ތަށި ސްކޫލުގެ ޕްރިންސިޕަލަށް ހަވާވާލުކޮށްދިނީ ޓީމުގެ ކެޕްޓަން މުޙައްމަދު މައުމޫރު، ވައިސް ކެޕްޓަން މުޙައްމަދު ޒަޔާން ޒުހައިރު އަދި ވައިސް ކެޕްޓަން ނަޢުފަލް ޢަލީ އެވެ.