ގޯލްޑެން ޖުބުލީ އިންވިޓޭޝަން ކަޕްގައި މިއަދު ހެނދުނު ކުޅުނު ދެވަނަ މެޗުން 2-0 އިން މާރަންދޫ ސްކޫލު ބަލިކޮށް ހއ. އަތޮޅު ތަޢުލީމީ މަރުކަޒުން ފައިނަލުގެ އުއްމީދު އާކޮށްފިއެވެ.
ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިރޭ ހއ އަތޮޅު މަދަރުސާއާ ބައްދަލުކުރާ މެޗުން ބަލިނުވެ ހިފަހައްޓައިލެވިއްޖެނަމަ 3 ޕޮއިންޓާއެކު ޕޮއިންޓް ޓޭބަލްގެ ދެވަނައިގައި އޮތް ހއ އަތޮޅު ތަޢުލީމީ މަރުކަޒަށް ފައިނަލުން ޖާގައެއް ޔަޤީންވާނެއެވެ.
މިއަދުގެ މެޗުގެ ދެގޯލުވެސް ފެނިފައިވަނީ މެޗުގެ ދެވަނަ ހާފުގައެވެ. ހއ އަތޮޅު ތަޢުލީމީ މަރުކަޒަށް ލީޑު ނަގައިދިނީ އެޓީމުގެ ޖާޒީ ނަމްބަރ 10، މުޙައްމަދު ލަޔާން އިބްރާހީމެވެ. އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ޖާޒީ ނަމްބަރ 11، ޝުރާޚް ރަޝީދެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހއ އަތޮޅު ތަޢުލީމީ މަރުކަޒުގެ ޖާޒީ ނަމްބަރ 27، ޒުނާމް މުޙައްމަދު ޒުހައިރެވެ.
މިއަދުގެ މެޗުން ބަލިވެ، ކުޅުނު ދެމެޗުން ލިބުނު 1 ޕޮއިންޓާއެކު ޕޮއިންޓް ޓޭބަލްގެ ފުލުގައި އޮތް މާރަންދޫ ސްކޫލަށް ފައިނަލުން ފުރުޞަތު އޮތީ މިރޭ ކުޅޭ ފުރަތަމަ މެޗުގައި އިހަވަންދޫ ސްކޫލުގެ މައްޗަށް ދެ ލަނޑުގެ ތަފާތުން ކުރި ހޯދައިގެންނެވެ.