ފާނަ ބަސަނދާއި ޑެންގީ ހުން ފެތުރޭތީ ސަމާލުވުމަށް އެދެފި

އިބްރާހިމް ނަޝީދު

އިހަވަންދޫގައި ފާނަބަސަނދާއި ޑެންގީ ހުން ފެތުރޭތީ ރައްޔިތުން އެކަމަށް ސަމާލުވުމަށް އާމިނާދިޔޯ ސިއްހީމަރުކަޒުން އެދިލައްވައިފިއެވެ.

އެމަރުކަޒުން މިއަދު ހާމަކޮށްފައިވާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ އިހަވަންދޫން ދެ ކުއްޖަކު ޑެންގީއަށް ޕޮޒިޓިވު ވެފައިވެއެވެ. މިއީ ވިއްސާރަ ދުވަސްވަރަކަށް ވާތީ ތިމާ އުޅޭ މާހައުލުގައި ފެންހަރުލާ ޒާތުގެ އެއްޗެއް ނެތްކަން ޔަޤީން ކުރުމާއި ޑެންގީ ހުމުން ރައްކާވެ ތިބުމަށް އީޑީސް މަދިރި އުފެދޭ ތަންތަން ނައްތާލުމަށް އާމިނާދިޔޯ ސިއްހީމަރުކަޒުން ވަނީ އިލްތިމާސް ކޮށްފައެވެ.

އާމިނާދިޔޯ ސިއްހީމަރުކަޒުގެ ޕަބުލިކު ހެލްތު ޔުނިޓުން މި ޖުލައި މަހުގެ 17 ވަނަ ދުވަހު ވަނީ އިހަވަންދޫގެ ވަށައިގެންވާ ސަރަޙައްދުތައް ބަލާ ފާސްކޮށް، ނުހިނދޭގޮތަށް ހުރި ފެންގަނޑުތަކަށް ކެމިކަލް އަޅާފައެވެ. ޕަބުލިކު ހެލްތު ޔުނިޓުން ކުރިއަށް ގެންދިޔަ އިންސްޕެކުޓަށް ފަހު އެ މަރުކަޒުން ހާމަކޮށްފައިވަނީ  ރަށުގެ ވަށައިގެން ހުރި ފައިބަރުދޯނި ބަންނަ ސަރަޙައްދުތަކުގައި މަދިރި އުފެދި އާލާވާނެ އެތައް ތަނެއް ހުރިކަން ފާހަގަ ކުރެވުނު ކަމަށެވެ.

އާމިނާދިޔޯ ސިއްހީމަރުކަޒުން މިއަދު ހާމަކޮށްފައިވާ ގޮތުގައި އިހަވަންދޫގައި ފާނަބަސަނދުވެސް ދަނީ ފެތުރެމުންނެވެ. މިބަލީގެ މައުލޫމާތާއެކު މިބަލުން ރައްކާވެ ތިބުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެމަރުކަޒުން ވަނީ އާއްމުކޮށްފައެވެ.

އާމިނާދިޔޯ ސިއްހީމަރުކަޒުގެ ސީނިޔަރ އެޑްމިނިސްޓްރޭޓަރ ހެލްތު ސަރވިސް، އަލްފާޟިލް މުޙައްމަދު އަކުރަމް މިނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ، މަދިރި އުފެދޭތަންތަން ނައްތާލުމުގައި ފަރުދީގޮތުން ކުރެވިދާނެ ކަންކަން ވަރަށްގިނަކަމަށާއި މަދިރި އުފެދޭކަހަލަ ކުނިތައް ސާފުކޮށް، ވާރޭވެހުނީމަ ފެންހަރުލާ ތަކެތީގައި ފެންހަރުލާފައި ނުހުންނާނޭކަން ޔަޤީންކުރުމަށް، ތިމާ އުޅޭ ގެޔާއި، ފަޅުކޮށްފައި ބަހައްޓާފައިހުރި ގެޔާއި ހަދަމުންދާގެ ބެލުންމުހިންމު ކަމަށެވެ. އަދި އެފަދަ އެއްވެސްތަނެއް ހުރިނަމަ، ފެންހަރުނުލާނެ ގޮތަކަށް އެތަކެތިހައްދަވައިދެއްވުމަށް އަކުރަމް އެދިލެއްވިއެވެ. ނާއްޓެއްގެ ތެރެއަށް އެޅިފައިހުރި ކުޑަ ފެންފޮދަކުން އަލާވާ މަދިރިންވެސް އެތައްބަޔަކަށް މިބަލި ޖައްސަފާނެ ކަން ފާހަގަ ކުރައްވާ އެއްވެސް ކަމަކީ ކުޑަކަމެއްކަމަށް ދެކިގެންނުވާނެ ކަމަށް އަކުރަމް ވިދާޅުވިއެވެ.

ހަމަ އެހެންމެ ފާނަބަސަނދު ޖެހިފައި މީހުންނާއި ކުދިން އާންމުންގެ ތެރެއަށް ނުކުމެ ނޫޅުމާއި ބަލީގެ ނިޝާނެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އަކުރަމް އިލްތިމާސް ކުރެއްވިއެވެ.