ޖަމްޢިއްޔަތުއްސަލަފުން ޓެރަރިޒަމްގެ ނުރައްކާތެރިކަމާގުޅޭ ފޯރަމެއް ބާއްވަނީ

ޢަބުދުﷲ ޙަމީދު

ޓެރަރިޒަމްގެ ނުރައްކާތެރިކަމާގުޅޭ ފޯރަމެއް ބޭއްވުމަށް ޖަމްޢިއްޔަތުއްސަލަފުން ނިންމައިފިއެވެ.

 ފޯރަމް އިންތިޒާމުކުރުމުގައި އިސްކޮށް ޙަރަކާތްތެރިވާ އައްޝައިޚް ޙަސަން މޫސާ ފިކުރީ ވިދާޅުވީ “ޕެރިލްސް އޮފް ޓެރަރިޒަމް ގެ ނަމުގައި ބާއްވާ މި ފޯރަމްގެ މަޤުޞަދަކީ ޓެރަރިޒަމްގެ ނުރައްކާތެރިކަން ޢާންމުންނަށް ހާމަކޮށްދިނުމާއި، މާތްވެގެންވާ އިސްލާމްދީނުގައި ބަޔާންކުރައްވާފައިވާ މި މައުޟޫޢާ ގުޅުންހުރި ޙުކުމްތައް މީސްތަކުންނަށް ބަޔާންކޮށްދިނުން. އަދި އިސްލާމްދީނުގެ ނަމުގައި އެކިއެކި ޖަމާޢަތްތަކުން ހިންގާ ލާއިންސާނީ ޢަމަލުތަކަކީ އިސްލާމް ދީނުގަ އެކަމަށް އެއްވެސް ޙުއްޖަތެއް އޮވެގެން ހިންގާ ޢަމަލުތަކެއް ނޫންކަން މީސްތަކުންނަށް ހާމަކޮށްދިނުން“ ކަމަށެވެ.

 މި ފޯރަމް އާއި ގުޅޭގޮތުން ޖަމްޢިއްޔަތުއްސަލަފްގެ ނައިބު ރައީސް އައްޝައިޚް ޙަސަން މޫސާ ފިކުރީ އިތުރަށް ވިދާޅުވީ މިހާރު ވާނީ ވީޑިޔޯ މެސެއްޖްތަކެއް ލޯންޗް ކޮށްފަކަމަށާއި މިޙަރަކާތުގައި ރާއްޖޭގެ ޝައިޚުންގެ ތެރެއިން ގިނަ ޢިލްމުވެރިންތަކެއް ބައިވެރިވެވަޑައިގަންނަވާގޮތަށް ހަމަޖެހިފަ ވާ ކަމަށެވެ. އަދި މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވާ ތަނަކާއި ތާރީޚު، ކައިރި މުސްތަޤުބަލެއްގައި ހާމަކުރާނެ ކަމަށެވެ.

 ”އަޅުގަނޑުމެން މިހާރު މިވަނީ ވީޑިޔޯ މެސެއްޖްތަކެއް ލޯންޗް ކޮށްފަ، މިޙަރަކާތުގައި ރާއްޖޭގެ ޝައިޚުންގެ ތެރެއިން ގިނަ ޢިލްމުވެރިންތަކެއް ބައިވެރިވެވަޑައިގަންނަވާގޮތަށްވަނީ ހަމަޖެހިފަ. މިފޯރަމް ބޭއްވުމަށް ހަމަޖެހިފައިވާ ތަނަކާއި ތާރީޚު، ކައިރި މުސްތަޤުބަލެއްގައި ހާމަކުރާނަން އިންޝާﷲ.” އައްޝައިޚް ޙަސަން މޫސާ ފިކުރީ ވިދާޅުވި އެވެ

 ފޯރަމަށް ތައްޔާރުވުމުގެ ގޮތުން ޓެރަރިޒަމްގެ ނުރައްކާތެރިކަމާގުޅޭ ވީޑިއޯ ކްލިޕްތަކެއް މިހާރުދަނީ ނެރެމުންނެވެ. ތަފާތު ގިނަ ޢިލްމުވެރިން ބައިވެރިވެވަޑައިގަންނަވާ މި ވީޑިއޯ ކްލިޕްތައް ޖަމްޢިއްޔަތުއްސަލަފުގެ ޔޫޓިއުބް، ފޭސްބުކް، އިންސްޓަގްރާމް އަދި ޖަމްޢިއްޔަތުއްސަލަފުގެ ޕަބްލިކް ވައިބާގްރޫޕުންދަނީ ރިލީޒް ކުރަމުންނެވެ. މީގެކުރިންވެސް ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން ސަލަފް ފޯރަމްގެ ޒަރީއާއިން މުހިންމު އެތައް މަޢުލޫމާތުތަކެއްވަނީ ގެނެސްދީފައެވެ. މިފަހަރުގެ ފޯރަމްގައިވެސް ދީނީ ޢިލްމުވެރިންގެ އަގުހުރި މަޢުލޫމާތުތަކެއް ގެނެސްދޭނެކަމަށް ޝައިޚް ވިދާޅުވިއެވެ.