Banner Image Description

ގޯލްޑެން ޖުބުލީ އިންވިޓޭޝަން ކަޕް: އިހަވަންދޫ ސްކޫލުގެ ކުޅުންތެރިންނަށް ޕްރެކްޓިސް ކިޓް ހަވާލުކޮށްފި

އިބްރާހިމް ނަޝީދު

އިހަވަންދޫ ސްކޫލަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެ ސްކޫލުން އިންތިޒާމުކޮށްގެން ބާއްވާ ގޯލްޑެން ޖުބުލީ އިންވިޓޭޝަން ކަޕް ފުޓުބޯޅަ މުބާރާތުގައި ވާދަކުރާ އިހަވަންދޫ ސްކޫލުގެ ޓީމަށް ޕްރެކްޓިސް ކިޓް ހަވާލުކޮށްފިއެވެ.

ކުޅުންތެރިންނަށް ޕްރެކްޓިސް ކިޓް ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި އެ ސްކޫލުގައި ރޭ ބޭއްވި ހާއްސަ ހަފުލާ “ފުޓްބޯޅަ މަންދޭރަ” ގައެވެ.

ރޭގެ ހަފުލާގައިވަނީ އިހަވަންދޫ ސްކޫލު ޓީމުގެ އޮފިޝަލުން އިޢުލާނުކޮށްފައެވެ. އެގޮތުން ޓީމުގެ މެނޭޖަރަކަށް ހަމަޖައްސާފައިވަނީ ލީޑިންގ ޓީޗަރ ޙާމިދު މޫސާއެވެ. ޓީމުގެ ކޯޗަކީ ޙުސައިން ފަޔާޒެވެ. އަދި އެސިސްޓެންޓު ކޯޗަކީ ޓީޗަރ އަޙްމަދު މަންސޫރު (ސިރާޖު) އެވެ. މީގެއިތުރުން ދެން އޮފިޝަލުންގެ ޓީމުގައި ހިމެނެނީ އިސްލާމް ޓީޗަރ އަޙްމަދު އާސިމެވެ.

2019 އޯގަސްޓު 2 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި އިހަވަންދޫ ސްކޫލުގެ އިތުރުން ވާދަކުރާނީ ހއ އަތޮޅު މަދަރުސާ، ހއ އަތޮޅު ތަޢުލީމީ މަރުކަޒު އަދި ހއ. މާރަންދޫ ސްކޫލެވެ.