ހއ. އިހަވަންދޫ ސުކޫލުގައި މަލްޓިޕާޕަސް ހޯލެއް އަޅެމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދިލެއްވުމުގެ މަތިން، މަލްޓިޕާޕަސް ހޯލުގެ 2 ބުރި އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާނު ކޮށްފިއެވެ.
މިނިސްޓްރީ އޮފް ފިނޭންސް އިން ވަނީ މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާފައެވެ. އެ މިނިސްޓްރީން ބުނެފައި ވަނީ އެ މިނިސްޓްރީއިން ކުރިއަށް ގެންދެވޭ ބީލަންތަކުގައި ބައިވެރި ވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ “ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު” ގައިވާ ގޮތުގެމަތީން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ. މިބީލަމުގައި ބައިވެރިވެވޭނީ އެރަޖިސްޓަރީގެ GC01 ގެ 1،2،3،4، އަދި 5 އަށް ޝަރުތުހަމަވެފައިވާ ކޮންޓްރެކްޓަރުންނަށެވެ.
މިމަސައްކަތައް އެދި ހުށައަޅާ ފަރާތްތަކުގެ ބީލަން ހުޅުވުން އޮންނާނީ 8 އޮގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.
އިހަވަންދޫ ސުކޫލުގައި މަލްޓިޕާޕަސް ހޯލެއް އެޅުމަށް ނިންމާ އެ އިމާރާތުގެ ބިންގާ އަޅުއްވާދެއްވާފައި ވަނީ 31 މާރިޗް 2019 ގައި ރައީސުލްޖުމުހުރިއްޔާ އަލްފާޟިލް އިބުރާހިމް މުޙައްމަދު ސޯލިހު، އިހަވަންދޫއަށް ކުރެއްވި ދަތުރުފުޅެއްގައެވެ.
އިހަވަންދޫ ސްކޫލަކީ 830 އަށް ވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރަމުންދާ ސްކޫލެކެވެ. ފައުންޑޭޝަން ސްޓޭޖް އިން ފެށިގެން ގްރޭޑް 12 އަށް އެ ސްކޫލުގައިދަނީ ކިޔަވައިދެމުންނެވެ. އިހަވަންދޫ ސްކޫލަށް ފަންސާސް އަހަރު ފުރިފައިވަނީ 2019 މޭ 25 ވަނަ ދުވަހުއެވެ.