އައިމިނާ ދިޔޯ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ ޑިޒައިނިންގ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

.

ހއ. އިހަވަންދޫ އައިމިނާ ދިޔޯ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އަޅަންޖެހޭ އިމާރަތް ޑިޒައިންކޮށް ބިލް އޮފް ކުއެންޓިޓީ (ބީއޯކިއު) ތައްޔާރުކޮށްދިނުމަށް އާކްއެންޖް ސްޓޫޑިއޯ ޕްރައިވެޓް ލިމިޓެޑްއާއި ހަވާލުކޮށްފިއެވެ. މި އެއްބަސްވުމުގައި ހެލްތު މިނިސްޓްރީން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީނެވެ. މިމަސައްކަތް އާކްއެންޖް ސްޓޫޑިއޯ އާއި ހަވާލުކުރީ 112،255 ރުފިޔާއަށް 66 ދުވަހުގެ ތެރޭގައި ނިންމަންޖެހޭގޮތަށެވެ.

އައިމިނާ ދިޔޯ ސިއްހީ މަރުކަޒަކީ 12 ނޮވެމްބަރ 2007 އިން ފެށިގެން 24 ގަޑީއިރު ޙިދުމަތްދޭ  ލެވެލް 3 ގެ ސިއްޙީމަރުކަޒެކެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އައިމިނާ ދިޔޯ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަށް ހަމަޖެހިފައިވަނީ ލެވެލް 1 ގެ ހޮސްޕިޓަލަކަށެވެ. އައިމިނާ ދިޔޯ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުން އަންހެނުންގެ ޚާއްސަ ޑޮކްޓަރުންގެ ޚިދުމަތާއި، ކުޑަކުދިންގެ ބަލިތަކަށް ޚާއްސަ ޚިދުމަތްތަކާއި، ހޭނައްތާ ޑޮކްޓަރުންނާއި، އެތެރެހަށި އަދި އޮޕަރޭޝަން ޑޮކްޓަރުންގެ ޚިދުމަތް ލިބިގެންދާނެއެވެ. އަދި މީގެ އިތުރުން ދަތުގެ ޚާއްސަ ފަރުވާ އާއި، 4 އެނދުގެ ޑަޔަލިސިސް ޚިދުމަތާއި، އެކްސްރޭ، ލޭބަރ ރޫމް އަދި އަލްޓްރާ ސައުންޑް ސްކޭން ފަދަ ޚިދުމަތްތައްވެސް ފެށިގެންދާއިރު، ހޮސްޕިޓަލުގައި 5 ވާރޑާއި، 6 ޕްރައިވެޓް ރޫމް ހިމެނޭނެއެވެ.

މިއަދު ހެލްތް މިނިސްޓްރީގައިއޮތް ރަސްމިއްޔާތުގައިވަނީ އައިމިނާ ދިޔޯ ސިއްހީ މަރުކަޒާއިއެކު 5 ސިއްހީ މަރުކަޒެއް ހޮސްޕިޓަލަށް ބަދަލުކުރުމުގެ ޑިޒައިނިންގ މަސައްކަތް ބަޔަކާ ހަވާލުކޮށްފައެވެ. މި ރަސްމިއްޔާތުގައި އެދައިރާތަކުގެ މަޖިލިސް މެމްބަރުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

އިހަވަންދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވީ، މިއަހަރު ނިމުމުގެ ކުރިން އައިމިނާ ދިޔޯ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އަޅަންޖެހޭ އިމާރާތް ކުރުމުގެ އަމަލީމަސައްކަތް ފެށޭނެކަމަށެވެ. އައިމިނާ ދިޔޯ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަކީ ރައީސް ސޯލިހްގެ ވައުދަކަށްވާއިރު، 2019 ވަނައަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައިވަނީ އެމަސައްކަތަށް 2 މިލިއަންރުފިޔާ ހިމަނާފައެވެ.