އިހަވަންދޫގައި ސްޕީޑް ފެރީގެ ނިޒާމު އިފްތިތާހުކޮށްދެއްވައިފި

.

އެމްޓީސީސީން ތިލަދުންމަތީގައި ޤާއިމުކޮށްފައިވާ ސްޕީޑް ލޯންޗު ފެރީގެ ހިދުމަތް ފުޅާކޮށް އިހަވަންދޫގައި ސްޕީޑު ފެރީގެ ހިދުމަތް އިފްތިތާހުކޮށްފި އެވެ.

މި ހިދުމަތް އިހަވަންދޫގައި އިފްތިތާހްކޮށްދެއްވީ އެކަމަށްޓަކައި އިހަވަންދޫ ބަނދަރު ސަރަހައްދުގައި މިއަދު ހަވީރު 4:30 ގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމުހުރިއްޔާގެ ނައިބު، ފައިސަލް ނަސީމެވެ.

މިރަސްމިއްޔާތު ފައްޓަވާދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމުހުރިއްޔާގެ ނައިބު ފައިސަލް ނަސީމު ވިދާޅުވީ ދަތުރުފަތުރުގެ ކަންތައް ވީހާވެސް ލުއި ފަސޭހަކޮށް ކޮށްދިނުމަކީ ސަރުކާރުގެ ވަރަށްބޮޑު ވައުދެއް ކަމަށާއި މާދަމާ ފެށިގެން މިދާ ފެރީގެ ހިދުމަތުން ރައްޔިތުންނަށް ވަރަށްބޮޑު ލުއި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މިއަހަރުގެ އެޕްރީލުމަހު ރައީސުލްޖުމުހުރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހު އިފްތިތާހްކޮށްދެއްވި މި ހިދުމަތް، ފުރަތަމަ ދޭން ފަށާފައިވަނީ ހއ ދިއްދޫ، ހދ ހަނިމާދޫ އަދި ކުޅުދުއްފުއްޓަށެވެ.

މިހިދުމަތް ފުޅާކޮށް ހޯރަފުއްޓާއެކު މި ހިދުމަތް ހއ ތިން ރަށަކާއި ހދ ގެ ތިން ރަށެއް މިހާރު މިވަނީ ލޯންޗު ފެރީން ގުޅާލެވިފަ އެވެ. ހުކުރު ދުވަސް ފިޔަވާ އެހެން ހުރިހާ ދުވަހެއްގައި މި ފެރީ ދަތުރުތައް އޮންނާނެކަމަށް އެމްޓީސީސީން ހާމަކުރެ އެވެ.

ސްޕީޑު ފެރީ ހޯރަފުށީ ރޫޓު:

(6:30) ހޯރަފުށި – (6:40) އިހަވަންދޫ – (7:15) ދިއްދޫ – (7:45) ހަނިމާދޫ ބަނދަރު – (7:55) ހަނިމާދޫ އެއާޕޯޓު ޖެޓީ – (8:15) ނޮޅިވަރަމްފަރު – (8:35) ކުޅުދުއްފުށި

(14:30) ކުޅުދުއްފުށި – (14:45) ނޮޅިވަރަމްފަރު – (15:05) ހަނިމާދޫ އެއާޕޯޓު ޖެޓީ – (15:15) ހަނިމާދު ބަނދަރު – (15:45) ދިއްދޫ – (16:20) އިހަވަންދޫ – (16:35) ހޯރަފުށި