Banner Image Description

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި އިހަވަންދޫގައި އެމަޖެންސީ މެޑިކަލް ޚިދުމަތްތައް ގާއިމްކުރަނީ

ޢަބުދުﷲ ޙަމީދު

އިހަވަންދޫގައި އެމެޖެންސީ މެޑިކަލް ޙިދުމަތްތައް ގާއިމްކުރަން ނިންމާފައިވާ ކަމަށާއި، އެކަމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާކަމަށް ދިވެހި ސަރުކާރުން ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ފޮރިންގ މިނިސްޓަރީން ވިދާޅުވީ، ހއ. އިހަވަންދޫގައި އެމެޖެންސީ މެޑިކަލް ޙިދުމަތްތައް ގާއިމްކުރުމަށް 7,469,465.89ރ (ހަތްމިލިއަން ހަތަރުލައްކަ ފަސްދޮޅަސްނުވަހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ އަށްޑިހަނުވަލާރި) ގެ ހިލޭ އެހީއެއް އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ދެއްވާފައިވާ ކަމަށެވެ.

އިހަވަންދޫގައި އެމެޖެންސީ މެޑިކަލް ޙިދުމަތްތައް ގާއިމްކުރަން ނިންމާފައިވާ މަޝްރޫއަކީ އިޖްތިމާއީ-އިޤްތިޞާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށް އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް ދެއްވާފައިވާ 6,930,006.93 އެމެރިކާ ޑޮލަރުގެ ހިލޭ އެހީގެ ތެރެއިން އިހަވަންދޫއަށް ހަމަޖައްސާފައިވާ ފައިސާއިން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫއެކެވެ.

ފޮރިންގ މިނިސްޓަރީން ވިދާޅުވެފައިވާ ގޮތުގައި މި ޕްރޮޖެކްޓްގެ ދަށުން، ހ.އ. އިހަވަންދޫގެ ހެލްތު ސެންޓަރުގައި އިމަޖެންސީ މެޑިކަލް ޚިދުމަތް ދިނުމަށް ބޭނުންވާ ތަނެއް ތައްޔާރުކޮށް، އެތަނަށް ބޭނުންވާ ތަކެތި ހޯދާނެއެވެ. މިފަދަ އިމަޖެންސީ ފަރުވާ ދެވޭނެގޮތެއް ރާއްޖޭގެ އެކި ކަންކޮޅުގައި ގާއިމުކުރުމުގެ މަޤްޞަދަކީ ކުއްލި ހާލަތުގައި ނުވަތަ ފުރާނައަށް ގެއްލުންވާ ހާލަތްތަކުުގައާއި ބަލިތަކުގައާއި އަވަސް ފަރުވާ ބޭނުންވާ ހާލަތްތަކުގައި އެފަދަ ފަރުވާ ލިބޭނެ މަގުފަހިކޮށްދިނުން ކަމަށް އެމިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މި ހިލޭ އެހީ ރާއްޖެއަށް ދިނުމަށް އެއްބަސްވެފައިވަނީ މި އަހަރުގެ މާރިޗް މަހު 17 އިން 18 އަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާރނަލް އެފެއާޒް ހަރ އެކްސަލަންސީ ސްޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.