Banner Image Description

ބަނދަރާއިގުޅޭގޮތުން މަޝްވަރާކުރުމަށް ރައްޔިތުންނާއި ބައްދަލުކުރަނީ

މުޙައްމަދު އަކުރަމް

އިހަވަންދޫގެ ބަނދަރަށް ގެންނަން ބޭނުންވާ ބަދަލުތަކާއި ގުޅޭގޮތުން ރައްޔިތުންނާއި މަޝްވަރާ ކުރުމަށްޓަކައި، ރައްޔިތުންނާއި ބައްދަލުކުރުމަށް އިހަވަންދޫ ކައުންސިލުން ނިންމައިފިއެވެ. އިހަވަންދޫ ކައުންސިލުން މިކަން ހާމަކޮށްފައިވަނީ މިއަދު އެކައުންސިލުން ނެރުނު އިޢުލާނެއްގައެވެ.

ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ވާގޮތުން، ބަނދަރަށް ގެންނަން ބޭނުންވާ ބަދަލުތަކާއި ގުޅޭގޮތުން ރައްޔިތުންނާއިއެކު ބާއްވާ މަޝްވަރާ ބައްދަލުވުން އޮންނާނީ މާދަމާ (14 މެއި 2019) ވާ އަންގާރަ ދުވަހުގެ ރޭ 21:30 ގައި އިހަވަންދޫ ރަށްވެހި ހިޔާ ހޯލުގައެވެ. ބަދަރަށް ގެންނަންބޭނުންވާ ބަދަލުތަކާއި މެދު ރައްޔިތުންނާއި މަޝްވަރާކުރުމަށް ކައުންސިލުން ނިންމާފައިވާއިރު 2019 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި އިހަވަންދޫގެ ބަނދަރު އަޕްގްރޭޑް ކުރުމަށް 2 މިލިޔަން ރުފިޔާ ހިމަނާފައިވާކަން ފާހަގަކުރެވެއެވެ. ބަޖެޓްގައި ވާގޮތުން ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާ ސްޓްރަކްޗަރ އިންނެވެ.