Banner Image Description

ނެއިބަރހުޑް ފުޓްބޯލް ކަޕް 2022 ގެ ޗެމްޕިއަންކަން ރެޑް ނެއިބަރހުޑް ހޯދައިފި

މުޙައްމަދު އަކުރަމް

ރައްޔިތުންނާ ގުޅިގެން ، ގާތުން ހިދުމަތް ދިނުމުގެ މަގްސަދުގައި އިހަވަންދޫގައި އެކުލަވާލާފައިއޮންނަ ނެއިބަރހުޑް ތަކުގެ މެދުގައި ކުޅެވޭ ނެއިބަރހުޑް ފުޓްބޯޅަ ކަޕް 2022 ގެ ޗެމްޕިއަންކަން ރެޑް ނެއިބަރހުޑްގެ ކޯޑެއް ނުދޭނަން ޓީމް ހޯދައިފިއެވެ. ރެޑް ނެއިބަރހުޑްގެ ކޯޑެއް ނުދޭނަން ޓީމް ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު އިހަވަންދޫ ގާޒީ ދަނޑުގައި ކުޅުނު މުބާރާތުގެ ފައިނަލް މެޗްގައި ގްރީން ނެއިބަރ ހުޑްގެ ބެންކުން ނުގުޅާނެ ޓީމްގެ މައްޗަށް ޕެނަލްޓީ ޖަހައިގެން ކުރި ހޯދައިގެންނެވެ.

މެޗްގެ ފުރިހަމަ ވަގުތު ނިމުނީ ދެޓީމްވެސް 2-2 އިން އެއްވަރުވެގެންނެވެ. މެޗްގެ ފުރިހަމަ ވަގުތުގައި ގްރީން ނެއިބަރ ހުޑްގެ ދެ ގޯލްވެސް ޖެހީ އެޓީމްގެ ޖާޒީ ނަންބަރު 17 ހާމިދުއެވެ. ފުރަތަމަ ހާފްގެ 35 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ހާމިދު ފުރަތަމަ ގޯލް ޖެހިއިރު އޭނާގެ ދެވަނަ ގޯލް ފެނިގެންދިޔައީ ފަހު ހާފުގެ 31 ވަނަ މިނެޓްގައެވެ. ރެޑް ނެއިބަރ ހުޑްގެ ދެ ގޯލްވެސް ޖެހީ އެޓީމް ޖާޒީ ނަންބަރު 17 މުނީޒްއެވެ. މުނީޒްގެ ދެ ގޯލްވެސް ފެނިގެން ދިއައީ މެޗްގެ ދެވަނަ ހާފްގައެވެ. ދެވަނަ ހާފްގެ 6 ވަނަ މިނެޓްގައި އޭނާގެ ފުރަތަމ ގޯލް ޖެހިއިރު ދެވަނަ ގޯޅް ޖެހީ ދެވަނަ ހާފްގެ 15 ވަނަ މިނެޓްގައެވެ.

ޕެނަލް ޓީގައި ރެޑް ނެއިބަރ ހުޑްއިން ޖެހި 5 ޕެނަލްޓީގެ ތެރެއިން ކާމިޔާބް ނުކުރެވުނީ ހަމައެކަނި އެޓީމްގެ ޖާޒީ ނަންބަރު 10 މޫސާ އިމްރާންޖެހި ޕެނަލްޓީއެވެ. މޫސަ ޖެހި ޕެނަލްޓީ އަމާޒްވީ ގޯލްގެ ދަނޑިއަށެވެ.  ގްރީން ނެއިބަރުހުޑް ޓީމްގެ ނޫޝާން އަދި ޝިނާޒް ޖެހިޕެނަލްޓީ ކާމިޔާބުކުރެވޭގޮތެއްނުވިއެވެ. ނޫޝާންގެ ޕެނަލްޓީ ގޯލާއި އަމާޒް ނުވިއިރު ޝިނާޒްގެ ޕެނަލްޓީ ދިފާއުކުރީ ރެޑް ނެއިބަރހުޑްގެ ކީޕަރު ނައްސާނެވެ.

ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާ، މުބާރާތުގެ އެންމެގިނަ ގޯލްޖެހި ކުޅުންތެރިޔާ އަދި ނެއިބަހުޑް ކިންގް އަށް ހޮވުނީ ރެޑް ނެއިބަރހުޑްގެ ކޯޑެއް ނުދޭނަން ޓީމްގެ ޖާޒީ ނަންބަރު 17 މުނީޒްއެވެ. މުނީޒްވަނީ މިމުބާރާތުގައި ޖުމްލަ 4 ގޯލް ޖަހާފައެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ރެޑް ނެއިބަރހުޑްގެ ކޯޑެއް ނުދޭނަން ޓީމްގެ ކޯޗް މުހައްމަދު ސުޖާއު ހޮވުނުއިރު މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވިފައިވަނީ ގްރީން ނެއިބަރ ހުޑްގެ ބެންކުން ނުގުޅާނެ ޓީމްގެ ޖާޒީ ނަންބަރު 69 އަހްމަދު ޒަޔާންއެވެ.