Banner Image Description

ހޯރަފުށީ އެއަރޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކަން ފަށައިފި

ޢަބުދުﷲ ޙަމީދު

ހއ. ހޯރަފުށީގައި އެއަރޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ހޯރަފުށީ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން އިއްޔެ ފަށާފައިވާއިރު ބިން ހިއްކުމުގެ މަސައްކަތަށް އެކުންފުނިން ބޭނުން ކުރަމުން އަންނަނީ މަހާޖައްރާފެވެ.

ހއ.ހޯރަފުށީގައި ތަރައްޤީކުރާ އެއަރޕޯޓްގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ މިދިޔަމަހުގެ 25 ވަނަ ދުވަހުއެވެ. އަދި އެއަރޕޯޓުގެ އަމަލީ މަސައްކަތް މިމަހުގެ އެއްވަނަ ދުވަހު ރަސްމީކޮށް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުއެވެ.

އެ ރަސްމިއްޔާތުގައި ރައީސް ޞާލިހު ވިދާޅުވީ ވަރަށް އަވަހަށް އެ މަސައްކަތް ނިންމާ ހޯރަފުށީ އެއާޕޯޓު ހަގީގަތަކަށް ހައްދަވައިދެއްވާނެކަމަށެވެ. އަދި ހޯރަފުށީގެ އެއާޕޯޓާއެކު އެ ސަރަހައްދުގައި ޓޫރިޒަމް ފުޅާވެގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ހޯރަފުށީގައި އަޅަން ނިންމި އެއާޕޯޓަކީ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން މާފިނޮޅުގައި އަޅަން ނިންމި އެއާޕޯޓެކެވެ. ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަން ފެށި، ފެހިކަންގަދަ ރަށްތައް ހަލާކު ކުރުން މަދުކޮށް، ޖަޒީރާވަންތަކަން ދެމެހެއްޓުމަށްޓަކައި އެއަރޕޯރޓް އެޅުމުގެ މަސައްކަތް އަނބުރާ ހޯރަފުއްޓަށް ވަނީ ބަދަލުކޮށްފައެވެ. އަދި ހޯރަފުށީގައި ހުޅަނގު ފަރާތުން ފަޅުތެރެ ހިއްކައި، އެރަށުގައި އެއަރޕޯޓް ހެދުމަށް ސަރުކާރުން ނިންމެވިއެވެ. އަދި އެމަސައްކަތް 16 މަސް ދުވަހުގެ ތެރޭގައި ނިންމާނޭކަމަށް ސަރުކާރުން ވަނީ އިޢުލާނުކޮށްފައެވެ.