Banner Image Description

އިހަވަންދޫ ސުކޫލުގެ މަލްޓިޕާޕަސް ހޯލުގެ ބިންގާ އަޅުއްވައިފި

ޢަބުދުﷲ ޙަމީދު

ހއ. އިހަވަންދޫ ސުކޫލުގައި މަލްޓިޕާޕަސް ހޯލެއްގެ ބިންގާ ރައީސުލްޖުމުހުރިއްޔާ އަލްފާޟިލް އިބުރާހިމް މުޙައްމަދު ސޯލިހު އަޅުއްވައިދެއްވައިފިއެވެ.

ރައީސުލްޖުމުހުރިއްޔާ އިބުރާހިމް މުޙައްމަދު ސޯލިހު އިހަވަންދޫ ސުކޫލުގައި މަލްޓިޕާޕަސް ހޯލުގެ ބިންގާ އަޅުއްވާދެއްވާފައި ވަނީ އެމަނިކުފާނު މިއަދު އިހަވަންދޫއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން އިހަވަންދޫ ސުކޫލުގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އިހަވަންދޫ ސުކޫލުގައި މަލްޓިޕާޕަސް ހޯލެއްގެ ބިންގާ މިއަދު އެޅިނަމަވެސް މިއީ މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވާ ކަމެއް ނޫންކަން ފާހަގަ ކުރެވެއެވެ. ސުކޫލު ހޯލުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ކުރިން ރައީސުލްޖުމުހުރިއްޔާ މިއަދު އެމްޑީޕީ އިހަވަންދޫގެ މާހަރުގޭގައި ރައްޔިތުންނާ ބައްދަލު ކުރައްވަމުން ވިދާޅުވީ މިއަހަރަކީ އިހަވަންދޫ ސުކޫލަށް 50 އަހަރު ފުރިގެންދާ އަހަރު ކަމަށާ ރައްޔިތުން ތިބީ އެކަން ފާހަގަ ކުރުމަށް އަޒުމު ކަނޑައަޅައިގެން ކަމަށެވެ. ސުކޫލުގެ ފަރާތުން އެމަނިކުފާނާއި ބައްދަލުކޮށް، ރަންޔޫބިލް ފާހަގަ ކުރުމަށް ޕުލޭން ކުރެވިފައިވާ ގޮތް ހިއްސާކޮށްދެއްވާފައިވާ ކަމަށް ވިދާޅުވެ ރައީސް ސޯލިހު ވިދާޅުވީ ސުކޫލުގައި މަލްޓިޕާޕަސް ހޯލެއް އަޅައިދިނުމަށް އެމަނިކުފާނަށް ސުކޫލުގެ ފަރާތުން ހުށައެޅުއްވި ކަމަށެވެ. އަދި މިއަދު އެ ހޯލުގެ ބިންގާ އަޅާނެ ކަމަށެވެ.