އެއަރޕޯޓާއި ގުޅޭގޮތުން އިހަވަންދޫ ކައުންސިލުން ރައީސުލް ޖުމުހުރިއްޔާއަށް އިލްތިމާސް އެއް

ޢަބުދުﷲ ޙަމީދު

ހއ. ހޯރަފުށީގައި ސަރުކާރުން އަޅަން ނިންމި އެއާޕޯޓާ ގުޅިގެން ހުރި ކަންބޮޑުވުން ތައް ފާހަގަ ކޮށް އެކަންކަން އިސްލާޙުކޮށް ހަމަ މަގަށްއަޅުއްވައި، ދެއްވުމަށް، އިހަވަންދޫ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސްކޮށްފިއެވެ.

އިހަވަންދޫ ކައުންސިލްގެ 5 މެމްބަރުން ސޮއިކުރައްވާ މިއަދު ނެރުއްވި އިލްތިމާސްގައި ޖުމުލަ 8 ކަމެއް ފާހަގަކޮށްފައި ވެއެވެ. މިގޮތުން، އިހަވަންދިއްޕޮޅު އެއާޕޯޓް، ” ހޯރަފުށީ އެއާޕޯޓް ” ގެ ނަމުގައި އަޅަން ނިންމުމާއި އިހަވަންދިއްޕޮޅު އެއާޕޯޓަކީ މުޅި އިހަވަންދިއްޕޮޅާއި ތިލަދުންމަތީގެ މުސްތަޤުބަލާ ގުޅިފައިވާ މަޝްރޫޢެއް ކަމަށް ފާހަގަކުރައްވާ މި އެއާޕޯޓް ބިނާކުރާނެ ތަނެއް ނިންމެވުމުގެ ކުރިން މި އަތޮޅުގެ އަތޮޅު ކައުންސިލާއި މި ކައުންސިލާ ވެސް އަދި އިހަވަންދިއްޕޮޅުގެ އެއްވެސް ރަށެއްގެ ކައުންސިލަކާ މަޝްވަރާކުރައްވާފައި ނުވާތީ އެކަމާ ހިތާމަކުރާ ކަން ފާހަގަ ކޮށްފައި ވެއެވެ. އަދި މި އެއާޕޯޓް ބިނާ ކުރެވެން ޖެހޭނީ، އިހަވަންދިއްޕޮޅުގައި ޤާއިމުކުރުމަށް ޒަމާނުންސުރެ ޚިޔާލުފާޅުކުރެވެމުންދާ އިންޓަނޭޝަނަލް ޓްރާންޝިޕްމަންޓް ޕޯޓް މަޝްރޫޢު ޙަޤީޤަތަކަށްވުމަށް މި ރަށާއި ރާއްޖޭގެ ރައްޔިތުން ދެކެމުންދާ ހުވަފެނަށް ދިރުން ލިބިދާ ގޮތަށް ކަމަށް ކައުންސިލުން ދެކޭ ކަމަށް ފާހަގަ ކޮށްފައި ވެއެވެ.

އެއާޕޯޓް ހަދާނެ ތަނެއް ކަނޑައެޅުމުގެ ކުރިން އިންޓަނޭޝަނަލް ޓްރާންޝިޕްމަންޓް ޕޯޓް ބިނާކުރުމާމެދު އަދުގެ ސަރުކާރުން ގޮތެއް ނިންމަން ޖެހޭ ކަމަށް ކައުންސިލުން ދެކޭ ކަމަށާއި، އިހަވަންދިއްޕޮޅު އެއާޕޯޓް ވާން ޖެހޭނީ މުޅި އިހަވަންދިއްޕޮޅުގެ މިލްކެއް އަދި ރަމްޒެއް ކަމުގައި ކަމަށާއި، އެއްވެސް ހާލެއްގައި ވަކި ރަށެއްގެ އެއްޗެއް ގޮތުގައި ނޫން ކަމަށާއި، އަދިކިއެއްތަ، އެ އެއާޕޯޓްގެ ނަމެއް ކަމުގައި ވާން ޖެހޭނީ “އިހަވަންދިއްޕޮޅު އެއާޕޯޓް” ކަމުގައި ކައުންސިލުން ދެކޭ ކަމަށާއި، މި ނޫން ނަމަކުން އެ އެއާޕޯޓާމެދު ކުރެވޭ އިޝާރާތްތައް މި ކައުންސިލަށް ބަލައިގަންނަން ދަތިކަމަށް ކައުންސިލްގެ އިލްތިމާސްގައި ވެއެވެ.

ޒަމާންވީ ރަޙްމަތްތެރިކަން އޮތް ވާދަވެރި މި ދެރަށުގެ ދެމެދުގައި، އިންތިހާއަށް ޒާތީ ބަސްތައް ރައްދުކޮށް، މީސްމީޑިއާގައި ފާޅުކުރަމުންދާ ޝުޢޫރުތަށް އުތުރިއެރުމުގެ އަސްލަކީ ހޯރަފުށީ އެއަރޕޯޓު އެޅުމުގެ މަސައްކަތް ހަވާލުކުރި ދުވަހު ޓްރާންސްޕޯޓް މިނިސްޓަރ ވާހަކަފުޅު ބައްޓަންކުރެވިފައިވާ ގޮތުން ކަމުގައި ދެކޭކަމަށާއި ވަކީން ޚާއްސަކޮށް، އެދުވަހުގެ ރަސްމިއްޔާތު ގައި އިހަވަންދޫގެ ރައްޔިތުންނަށް ނުސީދާކޮށް ރައްދުކުރި ބަސްތަކަކީ ކައުންސިލަށް ބަލާގަންނަށް ދަތިކަމެއް ކަމެއްކަމަށް މި އިލްތިމާސްގައި ފާހަގަ ކޮށްފައި ވެއެވެ.

އިހަވަންދިއްޕޮޅު އެއާޕޯޓް ހަދާނެ ތަން ކަނޑައެޅުމުގައި ދައުލަތުގެ ވުޒާރާތަކުން ފަރުވާކުޑަކޮށްފައި ވާކަން ފާހަގަ ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވެ ވަޑައިންނެވި ވަޢުދު ޙަޤީޤީ މާނާގައި ފުއްދުމަށް، ސިޔާސީ ސަބަބުތައް އެއްކިބާކޮށް، ތެދުވެރިކަމާ އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރުމަށް ދައުލަތުގެ ވުޒާރާތަކަށް ކައުންސިލުން ވަނީ ގޮވާލާފައެވެ.

އެއާއެކު “މި އެންމެހައި ކަންކަން މި ދެންނެވި ގޮތުގެ މަތިން ފާހަގަކޮށް، މިކަންކަން އިސްލާޙުކޮށް ހަމަ މަގަށް

އަޅުއްވައި، ދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސްކުރަމެވެ.” ކައުންސިލުން މިއަދު ނެރުނު އިލްތިމާސްގައި ވެއެވެ.