Banner Image Description

އާމިނާދިޔޯ ސިއްހީމަރުކަޒު ހިމެނޭ ގޮތަށް 5 ސިއްހީމަރުކަޒެއް ހޮސްޕިޓަލަށް ބަދަލުކުރަނީ

ޢަބުދުﷲ ޙަމީދު

އާމިނާދިޔޯ ސިއްހީމަރުކަޒު (ކުރީގެ އިހަވަންދޫ ސިއްހީމަރުކަޒު) ހިމެނޭ ގޮތަށް ފަސް ރަށެއްގެ ސިއްޙީ މަރުކަޒުތައް ހޮސްޕިޓަލަށް ބަދަލުކުރުމަށް އަޅަންޖެހޭ ޢިމާރާތް ޑިޒައިންކޮށް ބީ.އޯ.ކިޔު ހަދާދޭނެ ފަރާތެއް ހޯދުމަށް ހެލްތް މިނިސްޓްރީން އިޢުލާންކޮށްފިއެވެ.

އާމިނާދިޔޯ ސިއްހީމަރުކަޒާއެކު ހޮސްޕިޓަލަށް ބަދަލުކުރުމަށް ނިންމާފައިވާ އެހެން ސިއްހީމަރުކަޒު ތަކަކީ ރ.މީދޫ، ގދ. ގައްދޫ، އދ.މާމިގިލި އަދި ތ.ތިމަރަފުށީގެ ސިއްހީ މަރުކަޒެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ މުއްދަތު އަންނަ މަހުގެ އަށްވަނަ ދުވަހާހަމަޔަށް ވަނީ ހުޅުވާލާފައެވެ.

ހެލްތު މިނިސްޓްރީއާ ހަވާލާދެއްވާ ޕީއެސްއެމް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ރާއްޖޭގެ ސިއްޙީ ޙިދުމަތް ތަރައްޤީކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތުގެ ދަށުން އެރަށްރަށުގައި ދެމުންގެންދާ ސިއްޙީ ޚިދުމަތްތައް އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން ނިންމަވާފައިވާކަމަށެވެ.

އެގޮތުން ހޮސްޕިޓަލުގެ ދަރަޖައަށް ބަދަލުކުރުމަށް ނިންމަވާފައިވާ ރަށްތަކުގައި އެޕްރޮޖެކްޓްތައް ކުރިއަށްގެންދިއުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްވެސް މިހާރު ފަށާފައިވާކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. އަލަށް ހަދާ ހޮސްޕިޓަލްތަކާއި އިތުރަށް ތަރައްޤީކުރާ ސިއްޙީ ޚިދުމަތްދޭ ތަންތަން ތަރައްޤީކުރާއިރު އެކަމަށް ވިސްނައި އެތަންތަނާ އެކަށީގެންވާވަރަށް ޕްރައިވެޓް ރޫމްތައްވެސް ހެދުމަށް ނިންމަވާފައިވާކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.