Banner Image Description

ސަރުކާރުން ކޮށްދޭންޖެހޭ ކަންތައްތަކަށް ކެނޑިޑޭޓުން ވައުދުވަނީ މަޖިލިސް މެމްބަރުންގެ ދައުރު ނޭގޭތީ - އާދަމް މޫސާ

މުޙައްމަދު އަކުރަމް

ސަރުކާރުން ރަތްޔިތުންނަށް ކޮށްދޭންޖެހޭ ކަންތައްތަކަށް، މަޖިލީހަށް ކުރިމަތިލައިފައިވާ ބައެއް ކެނޑިޑޭޓުން ވައުދުވަނީ އެބޭފުޅުންނަށް އެބޭފުޅުންގެ ދައުރު ނޭގޭތީ ކަމަށް، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާއަށް ޖޭޕީގެ ޓިކެޓްގައި ވާދަކުރައްވާ އާދަމް މޫސާ ވިދާޅުވެއްޖެއެވެ. އެބޭފުޅާ މިހެން ވިދާޅުވީ ޓީވީއެމްއިން ގެނެސްދިން އިހަވަންދޫ ދާއިރާގެ މަޖިލިސް ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

“އާދެ! އަޅުގަނޑަށް މިތަނުންވެސް އަޑުއިވެމުން މިދަނީ ފެނާއި ނަރުދަމާގެ ވާހަކަޔާއި އަދިވެސް އެހެނިހެން ވަސީލަތްތައް ޤާއިމްކޮށްދޭނެ ކަމުގެވާހަކަ. މަޖިލިސްގެ ދައުރަކީ އެއީއެއް ނޫން. ސަރުކާރުން ކޮށްދޭންޖެހޭ ކަންތައްތަކުގެ ވައުދުތައް، މަޖިލިސް މެމްބަރުން ގޮތަށް ކުރިމަތިލާފައިވާ ފަރާތްތަކުން ހަމަކުރަމުން އެގެންދަވަނީ އެބޭފުޅުންނަށް އެބޭފުޅުންގެ މަސްއޫލިއްޔަތުތައް، އެބޭފުޅުންގެ ޒިންމާތައް ހަޤީގަތުގައި ނޭގޭތީވެ.” އާދަމް މޫސާ ވިދާޅުވިއެވެ. އާދަމް މޫސާ ވިދާޅުވި ގޮތުގައި މަޖިލިސް މެމްބަރުންގެ ހަޤީގީ މަސްއޫލިއްޔަތަކީ ޤާނޫނުތަކާއި ޤަވާއިދުތައް ހެދުމާއި، މިނިވަން މުއައްސަސާތަކަށް ފާރަވެރިވުމާއި، ސަރުކާރުގެ އަމަލުތަކަށް ފާރަވެރިވުމާއި ބަޖެޓް ފާސްކުރުން ކަމުގައެވެ. ބައެއް ކެނޑިޑޭޓުން އެފަދަވައުދުތައް ވަނީ މަޖިލިސް މެމްބަރުންގެ ހަޤީގީ މަސްއޫލިއްޔަތުތައް އެނގިވަޑައި ނުގަންނަވާތީކަމަށް ވިދާޅުވެ އާދަމް މޫސާވަނީ އެބޭފުޅާ އެއްވެސް ބޭފުޅަކަށް އެފަދަ ވައުދެއް ވެފައި ނޯންނާނެކަމަށް ވިދާޅުވެފައެވެ.

އަންނަ އޭޕްރިލް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އިހަވަންދޫ ދާއިރާގެ ގޮނޑިއަށް އާދަމް މޫސާގެ އިތުރުން ވާދަކުރަނީ، އަހުމަދު ނަސީރުއާއި، މުހައްމަދު ޝިފާއުގެ އިތުރުން މަޖިލީހުގައި އިހަވަންދޫ ދާއިރާ މިހާރުވެސް ތަމްސީލްކުރައްވަމުން ގެންދަވާ އިއްޒަތްތެރި މެމްބަރު މުހައްމަދު އަބުދުﷲއެވެ.