Banner Image Description

އަޅުގަނޑު އިންތިހާބުވެއްޖެނަމަ ދައުރުނިމެންދެން މިގޮނޑީގެ މިލްކްވެރި ފަރާތަކަށްވާނީ އެމްޑީޕީ – ޝިފާއު

މުޙައްމަދު އަކުރަމް

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ގޮނޑިއަށް އިންތިހާބުވެއްޖެނަމަ އެބޭފުޅާގެ ދައުރު ނިމެންދެން އެގޮނޑީގެ މިލްކުވެރިފަރާތަކަށްވާނީ އެމްޑީޕީ ކަމަށް އިހަވަންދޫ ދާއިރާއަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރާ މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ. ޝިފާއު މިހެން ވިދާޅުވީ މިއަދު ޓީވީއެމްއިން ގެނެސްދިން އިހަވަންދޫ ދާއިރާގެ މަޖިލިސް ބަހުސްގައި ބަހުސްގެ މޮޑަރޭޓަރ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އިތުރަށް ޝިފާއު ވިދާޅުވީ ސަރުކާރުތެރެއިން މުހިއްމު ބިލްތަކަށް ވޯޓަށްއަހާ ގަޑީގައި ނުފިއްލަވާނެކަމުގައެވެ. “ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުތައް ފުއްދަން ބޭނުންވާ، މިޤައުމު އިސްލާހްކުރަން ބޭނުންވާ، މިޤައުމުގައިހުރި ކަންތައްތައް ރަނގަޅުކުރަން ބޭނުންވާ ޤާނޫނުތަކަށް ވޯޓްއަހާއިރު އަޅުގަނޑު މަޖިލީހުގައި އިންނާނަން!” ޝިފާއު ވިދާޅުވިއެވެ. ޝިފާއު ވިދާޅުވީ އިސްލާމްދީނާއި ފުށުނާރާ ކޮންމެކަމަކަށް އެބޭފުޅާ ވޯޓް ދެއްވާނެކަމުގައެވެ. އިތުރަށް ޝިފާއު ވިދާޅުވީ އެބޭފުޅާގެ ގޮނޑީގެ ކުލަ ނޭގިގެން އެއްވެސް އިރެއްގައި އެބޭފުޅާގެ ދާއިރާގެ އެއްވެސް ރަތްޔިތަކު އުޅޭކަށް ނުޖެހޭނެކަމަށާއި އެބޭފުޅާހުންނަވާނީ ރައްޔިތުން ހަވާލުކުރާ މަސްއޫލިއްޔަތު އެންމެފުރިހަމަޔަށް އަދާކުރުން މަތީގައި ކަމަށެވެ.

އަންނަ އޭޕްރިލް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އިހަވަންދޫ ދާއިރާގެ ގޮނޑިއަށް ޝިފާއުގެ އިތުރުން ވާދަކުރަނީ، އަހުމަދު ނަސީރުއާއި، އާދަމް މޫސާގެ އިތުރުން މަޖިލީހުގައި އިހަވަންދޫ ދާއިރާ މިހާރުވެސް ތަމްސީލްކުރައްވަމުން ގެންދަވާ އިއްޒަތްތެރި މެމްބަރު މުހައްމަދު އަބުދުﷲއެވެ.