Banner Image Description

އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ރިޝްވަތު ދެމުންދާކަން ވަނީ ފާހަގަ ކުރެވިފަ: އެޗްއާރުސީއެމް

ޢަބުދުﷲ ޙަމީދު

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ހަދިޔާއާއި، ރިޝްވަތު ދިނުންފަދަ ކަންކަން ކުރަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ބުނެފިއެވެ.

އަންނަމަހު ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާގުޅިގެން އެކޮމިޝަނުން ކުރިޔަށްގެންގޮސްފައިވާ މީޑިއާ މޮނިޓަރިންގގެ ތެރޭގައި، ބައެއް ކެންޑިޑޭޓުންގެ އިންތިޚާބީ ޙައްޤަށް އަސަރުކޮށްފާނެ ފަދަ ކަންކަން ކުރުމާއި، އެންޓި ކެންޕޭން ކުރުމާއި، ބައެއް ކެންޑިޑޭޓުންގެ އަބުރަށް ބުރޫއަރާނެފަދަ ގޮތްގޮތައް އެ ކެންޑިޑޭޓުންގެ ޒާތީ ކަންކަމަށް ފާޑުކިޔުމާއި، އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ހަދިޔާއާއި، ރިޝްވަތު ދިނުން ފަދަ ކަންކަންފާހަގަ ކުރެވިފައިވާ ކަމަށް އެކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

އެހެންކަމުން އެފަދަ ކަންކަމާ ގުޅިގެން ކަމާގުޅުންހުރި އިދާރާތަކާއި ސިޔާސީ ޕާޓީތަކާއި މަޝްވަރާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެޗްއާރްސީއެމްއިން ނެރުނު ނޫސްބަޔަނުގައި ބުނެފައި ވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، އިންތިހާބީ ގާނޫނުތަކަށް އިހުތިރާމް ކުރުމަށާއި، އެންޓި ކެންޕޭން ނުކުރުމަށް އެޗްއާރުސީއެމްއިން ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން ވޯޓަށް ނުފޫޒު ފޯރުވުމުން އެއްކިބާވުމަށާއި އަދި އެއްވެސް ކެންޑިޑޭޓަކަށް ފުރައްސާރަކޮށް އެފަރާތްތަކުގެ އަބުރު ގެއްލޭފަދަ ކަންކަން ނުކުރުމަށާއި، މުޖުތަމައުގައި ރުޅިވެރިކަމާއި ފިތުނަފަސާދަ އުފެދި އާންމު މަސްލަހަތު ގެއްލޭގޮތަށް ކެމްޕޭން ކުރުމުގެ އެއްވެސް ހަރަކާތެއް ނުހިންގުމަށް ސިޔާސީ ޕާޓީތަކަށާއި، އަމިއްލަ ކެންޑިޑޭޓުންނަށާއި، އެންމެހާ ފަރާތްތަކަށް އެ ކޮމިޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.