މަޖިލިސް އިންތިޚާބު 2019: އާދަމް މޫސާ ފޯމު ހުށަހަޅުއްވައިފި

މުޙައްމަދު އަކުރަމް

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، އިހަވަންދޫ ދާއިރާއަށް ވާދަކުރުމަށް އާދަމް މޫސާ، އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅުއްވައިފިއެވެ. އާދަމް މޫސާގެ ކެނޑިޑެންސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާފައިވަނީ އިއްޔަގެ  ވަގުތެއްގައެވެ.

ވެރިކަންކުރާ ކޯލީޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި މަޖިލިސް އިންތިހާބުގައި ވާދަކުރާ އާދަމް މޫސާގެ ކެނޑިޑެންސީ ފޯމް ހުށަހެޅުމުގެ އިވެންޓްގައި އެބޭފުޅާގެ އާއިލާޔާއި ގުޅުންހުރި ބައެއްފަރާތްތަކުން ބައިވެރިވެފައިވެއެވެ. 2014 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިހަވަންދޫ ދާއިރާގެ ގޮނޑި ކަމިޔާބުކޮށްފައިވަނީ ޖޭޕީގެ ޓިކެޓްގައި ވާދަކުރި، މުހައްމަދު އަބުދުﷲ (މުހައްމާ) ކަން ފާހަގަކުރެވެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، އިހަވަންދޫ ދާއިރާއަށް ވާދަކުރުމަށް މިހާތަނަށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅުއްވާފައިވަނީ ތިން ފަރާތަކުންނެވެ. އެއީ ޕީޕީއެމްގެ ޓިކެޓްގައި އަހްމަދު ނަސީރު އާއި އެމްޑިޕީގެ ޓިކެޓްގައި ވާދަކުރާ މުހައްމަދު ޝިފާއުގެ އިތުރުން ޖޭޕީގެ ޓިކެޓްގައި ވާދަކުރާ އާދަމް މޫސާއެވެ. މިބޭފުޅުންގެ އިތުރުންވެސް ބައެއްފަރާތްތަކުންވަނީ މަޖުލިސް އިންތިހާބުގައި އިހަވަންދޫ ދާއިރާއަށް ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ.