ޖޭޕީ އިން އިހަވަންދޫ ދާއިރާގެ ޓިކެޓު އާދަމް މޫސާ އަށް

ޢަބުދުﷲ ޙަމީދު

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޖުމުހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރުމަށް އިހަވަންދޫ ދާއިރާގެ ޓިކެޓް ހއ. އިހަވަންދޫ ދަނބުގެ، އާދަމް މޫސާ އަށް ދީފިއެވެ.

 އާދަމް މޫސާ އަށް ޖޭޕީގެ ޓިކެޓު ދީފައި ވަނީ އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ވާދަ ކުރުމުގެ ފުރުސަތު އިތުރު އަށް ބޭފުޅަކަށް ދިނުމަށް މިރޭ ޖުމުހޫރީޕާޓީން ބޭއްވި ހާއްސަ ޖަލްސާއެއްގައެވެ.

 ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ޖޭޕީން އަލަށް ޓިކެޓު ދީފައިވަނީ އިހަވަންދޫ ދާއިރާ، މިލަންދޫ ދާއިރާ، ނޮޅިވަރަމް ދާއިރާ، ހޮޅުދޫ ދާއިރާ، ކިނބިދޫ ދާއިރާ، މަޑަވެލި ދާއިރާ، ނައިފަރު ދާއިރާ އަދި އައްޑޫ މީދޫ ދާއިރާއަށް ވާދަކުރާ ބޭފުޅުންނަށެވެ.

 މިރޭ އެ ބޭފުޅުންނަށް ޓިކެޓް ދޭން ބޭއްވި ރަސްމިއްޔާތުގައި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމްއިބްރާހިމް ވިދާޅުވި ގޮތުން އަދިވެސް އިތުރު ދާއިރާތަކެއް ޓިކެޓްތައް ދޭނެ އެވެ. އެ ދާއިރާތައް ފަހުން އިއުލާން ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. މީގެކުރިން 36 ބޭފުޅަކަށް ޖުމުހޫރީ ޕާޓީން ޓިކެޓް ދެއްވާފައިވެ އެވެ. އެހެންކަމުން ޖޭޕީން މަޖިލިސް އިންތިހާބުގައި ވާދަކުރާ ދާއިރާތަކުގެ އަދަދު މިހާރު ވަނީ 44 އަށް އަރައިފައެވެ.

 އާދަމް މޫސާގެ އިތުރުން، އިހަވަންދޫ ދާއިރާއަށް ވާދަކުރުމަށް ޕާޓީތަކުން ޓިކެޓް އިތުރު 2 ފަރާތަކުންވަނީ ކަށަވަރު ކޮށްފައެވެ. އެގޮތުން ޕީޕީއެމްގެ ޓިކެޓް ޕްރައިމަރީއަކާ ނުލައި އަޙްމަދު ނަސީރަށް ދީފައިވާއިރު، އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބްކޮށް އެޕާޓީގެ ޓިކެޓް ކަށަވަރުކޮށްފައިވަނީ މުޙައްމަދު ޝިފާޢުއެވެ.