އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ކުލަގަދަކޮށް ފާހަގަކުރުމަށް އެސްކޫލުން ހިންގަން ކަނޑައަޅާފައިވާ ހަރަކާތްތަކަށް ފަންޑު ހޯދުމުގެ ގޮތުން ހޮނިހިރު ދުވަހު ފާހަގަކުރި މަސައްކަތު ދުވަހު 5 ލައްކައެއްހާ ރުފިޔާ ހޯދާފިއެވެ.
ސްކޫލްގެ ގިނަ އަދަދެއްގެ ބެލެނިވެރިންނާއި، އިހަވަންދޫގެ މުއައްސަސާތަކުގެ މުވައްޒަފުންނާއި ، ރަށުގެ އާއްމުރައްޔިތުންނާއި، ސްކޫލަށް ހެޔޮއެދޭފަރާތްތަކުން ބައިވެރިވި މިމަސައްކަތު ދުވަހުން ޖުމުލަ 60/442221 ( ހަތަރު ލައްކަ ބަޔާޅީސް ހާސް ދުއިސައްތަ އެކާވީސް ރުފިޔާ، ހައްޓި ލާރި) ހޯދާފައިވެއެވެ.
ގްރޫޕްތަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި މަސައްކަތު ދުވަހުން އެންމެ ގިނަ ފައިސާ ހޯދީ މަދޮށި ގްރޫޕުންނެވެ. މިގްރޫޕުން 85/81278 ( އަށްޑިހަ އެއްހާސް ދުއިސައްތަ ހަތްދިހަ އަށްރުފިޔާ، އަށްޑިހަ ފަސްލާރި ) ހޯދާފައިވެއެވެ. މިގްރޫޕްގެ ލީޑަރަކީ ހއ.އިހަވަންދޫ އީވް ހަސީބަތު ޝާނީ އެވެ.
ދެވަނައަށް އެންމެ ގިނަފައިސާ ހޯދީ ބޮކަރު ގްރޫޕުންނެވެ. މިގްރޫޕަކީ އިހަވަންދޫ ސިއްހީމަރުކަޒާއި، ފެނަކަ އާއި ބޭންކް އޮފް މޯލްޑިވްސް އަދި އިހަވަންދޫ އައިސް ޕްލާންޓް އެކުވެގެން ހަދާފައިވާ ގްރޫޕެކެވެ. މިގްރޫޕުން
-/46330 ( ސާޅީސް ހަހާސް ތިންސަތޭކަ ތިރީސް ރުފިޔާ ) ހޯދާފައި ވެއެވެ. މިގްރޫޕްގެ ލީޑަރަކީ އަހުމަދު ޢަބުދުލް ޤައްފާރު/ ބަށިމާގެ އެވެ.
ތިންވަނައަށް އެންމެ ގިނަ ފައިސާ ހޯދާފައިވަނީ ކަނޑޫ ގްރޫޕުންނެވެ. މިއީ އިހަވަންދޫ ސްކޫލްގެ އަންހެން މުވައްޒަފުންގެ ގްރޫޕްކެވެ. މިގްރޫޕުން 45098.75 ( ސާޅީސް ފަސްހާސް ނުވަދިހަ އަށް ރުފިޔާ، ހަތްދިހަ ފަސްލާރި ) ހޯދާފައިވެއެވެ. މިގްރޫޕްގެ ލީޑަރަކީ ސުކޫލު ޓީޗަރު މަޖުދާ މުޙައްމަދު / ޗާންދަނީވިލާ އެވެ. ސްކޫލްގެ އަންހެން މުވައްޒަފުންނާއި ފިރިހެން މުވައްޒަފުންވަނީ ދެގްރޫޕަކަށް ބަހާލާފައެވެ.
ހެނދުނު 7:00 ން ހަވީރު 5:00 އަށް ކުރިއަށްގެންދިޔަ އިހަވަންދޫ ސްކޫލްގެ ރަންޔޫބިލް މަސައްކަތު ދުވަހު، އެންމެ ގިނަ ފައިސާ ހޯދައިގެން ގަޑިއަށް ސްކޫލަށް ހާޒިރުވެފައިވާ ގްރޫޕަކީ ބޮކަރު ގްރޫޕެވެ.
އިހަވަންދޫ ސްކޫލްގެ ރަންޔޫބިލް ހަރަކާތްތަކާ ގުޅުވައިގެން ކުރިއަށް ގެންދާ ބޮޑެތި ހަރަކާތްތަކުގެ ތެރޭގައި އެސްކޫލްގެ ގޯތިތެރޭގައި ޓާރފް ފުޓްބޯޅަ ދަނޑެއް ހެދުމާއި ސްކޫލްގެ އައި. ސީ.ޓީ ވަޞީލަތްތައް އިތުރުކުރުމާއި ސްކޫލްގެ ލައިބްރަރީ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުން ހިމެނޭކަމަށް އެސްކޫލުން މައުލޫމަތު ދެއެވެ.