މިދިޔަ އަހަރުގެ އޯލެވެލް ނަތީޖާ ކުރީ އަހަރުތަކަށްވުރެ ރަނގަޅު: ޕްރިންސިޕަލް

ޢަބުދުﷲ ޙަމީދު

ނިމިގެން ދިޔަ އަހަރު އިހަވަންދޫ ސްކޫލްގެ އޯލެވެލް އަދި އެސް،އެސް،ސީ އިމްތިހާނުގެ ނަތީޖާ އޭގެ ކުރީ އަހަރުތަކާ އަޅާބަލާއިރު ރަނގަޅުވެފައިވާ ކަމަށާއި، ނަތީޖާ ރަނގަޅު ކުރެވުމުގެ އެންމެ ބޮޑު އެއްސަބަބަކީ ޓީޗަރުންނާއި ބެލެނިވެރިންނާއި ސްކޫލް  ގުޅިގެން ކުރެވުނު ހަރުދަނާ މަސައްކަތްތައް ކަމަށް އިހަވަންދޫ ސްކޫލްގެ ޕްރިންސިޕަލް އަހުމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

2019 ވަނަ އަހަރުގެ ކިޔެވުން ފެށުމަށްފަހު ސްކޫލްގެ ބެލެނިވެރިންނަށް ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕްރިންސިޕަލް ރަޝީދު ވިދާޅުވީ އޯލެވެލް އިމްތިހާނުގެ ނަތީޖާ އަހަރުން އަހަރަށް ރަނގަޅުވަމުން އަންނަކަމަށެވެ. އަދި ފަސްމާއްދާއިން ފާސްވާ ކުދިންގެ ނިސްބަތް ނިމިގެން ދިޔަ އަހަރުވެސް އިތުރު ކުރެވިފައިވާކަން ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ.

2010 ން ފެށިގެން 5 މާއްދާއަށް ވުރެ އިތުރަށް ފާސްވި ކުދިންގެ ނިސްބަތް ދައްކާދޭ ތަފާތު ހިސާބުގެ ތާވަލް މަސްދަރު: އިހަވަންދޫ ސްކޫލް

 ” ވަކިވަކި މާއްދާތަކުގެ ނަތީޖާއަށް ބަލާއިރުވެސް ޖުމުލަގޮތެއްގައި، އޭގެ ކުރީ އަހަރުތަކާ އަޅާބަލާއިރު ރަނގަޅުވެފައިވާ ކަމަށާއި، އެސް.އެސް.ސީ ދިވެހި މާއްދާއިން 4 އޭ ސްޓަރ އާއި 11 އޭ ލިބިފައިވޭ. އަދި ކެމިސްޓްރީ މާއްދާއިން 26 އިންސައްތައިގެ ކުރިއެރުމާއެކު އެމާއްދާގައި ބައިވެރިވި ހުރިހާ ދަރިވަރުން ފާސްވެ، ފާސްވި ނިސްބަތް 100 އިންސައްތައަށް ބަދަލުވެފައިވޭ” ބެލެނިވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕްރިންސިޕަލް ވިދާޅުވިއެވެ.

ސްކޫލަށް ލިބޭކުރިއެރުމުގެ ފަހަތުގައި ރަށުގެ ކަމުވޮށިވެގެންވާ ފަރާތްތަކުގެ ހިއްސާ ވަރަށްބޮޑުކަމަށާއި އެގޮތުން އޮޑިވެރިންނާއި ކެޔޮޅުންނާއި ފަޅުވެރިންނާއި އިހަވަންދޫގެ ވިޔަފަރިވެރިންނާއި ކުލަބު ޖަމިއްޔާތަކާއި ރަށުގެ މުއައްސަސާތަކުން ވެދެއްވާ ދީލަތިއެހީތެރިކަން ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ. އަދި މިފަރާތްތަކަށް ވަރަށް ޙާއްޞަ ޝުކުރެއް ދެންނެވިއެވެ.

ފާއިތުވި އަހަރު އިހަވަންދޫ ސްކޫލުން 55 ދަރިވަރުން އޯލެވެލް އިމްތިހާނުގައި ބައިވެރިވެފައިވެއެވެ.

ފާއިތުވި އަހަރު އިހަވަންދޫ ސްކޫލްގެ އޯލެވެލް އަދި އެސް،އެސް،ސީ އިމްތިހާނުގެ ނަތީޖާ އޭގެ ކުރީ އަހަރުތަކާ އަޅާބަލާއިރު ރަނގަޅުވެފައިވާއިރު، މިއަހަރު އެސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބިލް ކުލަގަދަކޮށް ފާހަގަކުރުމަށް ދަނީ ބެލެނިވެރިންނާއި ރަށުގެ ކަމުވޮށިގެންވާ ފަރާތްތާކައި ގުޅިގެން މަސައްކަތް ކުރަމުންނެވެ.

މިއަހަރުގެ އޯލެވެލް ނަތީޖާ އިތުރަށް ރަނގަޅުކުރުމަށްޓަކައި މިހާރުން ފެށިގެން މަސައްކަތްކުރަމުންދާކަމަށާއި ، މިހާރުވެސް އިމްތިހާނަށް ދަރިވަރުން ތައްޔާރުކުރުމަށް އެކްސްޓްރާ ކުލާސްތައް ފެށިގެން ކުރިއަށް ދާކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.

މިއަދު އެޗް.އެސް.ސީ އާއި އޭލެވެލް އިމްތިޙާނުގެ ނަތީޖާ ދޫކޮށްފައިވާއިރު، އޭލެވެލް އިމްތިޙާނުންވެސް ކުރިއެރުން ލިބިފައިވާކަމަށް އެސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް މުހައްމަދު ޢަބުދުއްޞަމަދު މިނޫހަށް މައުލޫމާތު ދެއްވިއެވެ. އޭލެވެލް އިމްތިހާނުން 4 ދަރިވަރުން ގަދަ 10 ގައި ހިމެނޭކަމަށާއި އޯލެވެލް އިމްތިޙާނުން 2 ދަރިވަރުން ގަދަ 10 ގައި ހިމެނޭނެކަމަށް  ޑެޕިއުޓީ ޕްރިންސިޕަލް ފާހަގަކުރެއްވި އެވެ. އަދި އެޗް.އެސް.ސީ ދިވެހި މާއްދާއިން 100 އިންސައްތަ ދަރިވަރުން ފާސްވެފައިވާކަމަށް ވިދާޅުވިއެވެ.

ފައުންޑޭޝަން ސްޓޭޖް އިން ފެށިގެން ގްރޭޑް 12 އަށް ކިޔަވާދެމުންދާ އިހަވަންދޫ ސުކޫލުގައި މިއަހަރު 830 އަށް ވުރެ ގިނަ ދަރިވަރުން ދަނީ ތައުލީމު ހާސިލް ކުރަމުންނެވެ.