އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓު ދޭނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި ޕުރައިމަރީގެ ބޮޑު އަގުލަބިއްޔަތެއް ހޯއްދަވައިގެން މުޙައްމަދު ޝިފާޢު އިހަވަންދޫ ދާއިރާގެ ޓިކެޓު ހޯއްދަވައިފިއެވެ.
އިއްޔެ ބޭއްވި އިންތިހާބުގެ ނަތީޖާ ދައްކާގޮތުން މުޙައްމަދު ޝިފާޢު އަށް 529 ވޯޓު ލިބިވަޑައިގެންނެވި އިރު، ޝިފާޢުއާ އެންމެ ގާތްކުރާ އަދަދަކުން ވޯޓު ލިބިވަޑައިގަތީ މިހާރުވެސް މަޖިލިސް މެމްބަރުކަން ކުރައްވާ މުޙައްމަދު ޢަބުދުﷲ އެވެ. އެބޭފުޅާއަށް ޖުމުލަ 390 ވޯޓު ލިބިވަޑައިގެންނެވި އިރު މިވަގުތު އިހަވަންދޫ ކައުންސިލްގެ ރައީސްކަމުގައި ހުންނެވި، މުޙައްމަދު ރަޝީދު އަށް ވަނީ 342 ވޯޓު ލިބިވަޑައިގެންފައެވެ. އަދި މުޙައްމަދު ޢަބުދުއްލަތީފު އަށް 86 ވޯޓު ލިބިފާވާއިރު އިންތުހާބުގެ ކުރިން، މުޙައްމަދު ރަޝީދު އަށް ތާޢިދުކުރައްވާކަމަށް ހާމަ ކުރެއްވި މުޙައްމަދު ފިރާޒު އަށް 2 ވޯޓު ވަނީ ލިބިވަޑައިގެންފައެވެ. އިއްޔެގެ އިންތިހާބުގައި އިހަވަންދޫ ދާއިރާގެ ޖުމުލަ 1379 މީހުން ވޯޓުލާފައި ވާއިރު ބާތިލް ވެފައި ވަނީ 30 ވޯޓެވެ.
Al-hamdhu lillaah.
Alhugandah vote dhehvi emmehaa beyfulhunnah fahfashun shukuru dhannavan.
Kuriyah oiy masakkaiy bura, ebbaarulun dhevvumah edhen.— Mohamed Shifau (@mhshifau) January 18, 2019
އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ ޓިކެޓު ކަށަވަރުވުމާއި ގުޅިގެން މުޙައްމަދު ޝިފާޢު ވަނީ އެބޭފުޅާއަށް ވޯޓު ދެއްވި އެންމެހާ ބޭފުޅުންނަށް ފައްފަށުން ޝުކުރު ދަންނަވާފައެވެ. އަދި ކުރިއަށް އޮތް މަސައްކަތް ބުރަކަން ފާހަގަ ކުރައްވާ އެކަމަށް އެއްބާރުލުން ދެއްވުމަށް ޝިފާޢު އެދިވަޑައިގެންފައި ވެއެވެ.