އިހަވަންދޫ ސްކޫލުގެ އައު ޔުނީފޯމް ބޭނުންކުރަން ފަށައިފި

ފަތުޙުﷲ އަޙުމަދު ރަޝީދު

2019 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުމާއެކު އިހަވަންދޫ ސްކޫލުން އަލަށް ފަރުމާކޮށްފައިވާ އައު ޔުނީފޯމް ބޭނުންކުރަން ފަށައިފިއެވެ. އިހަވަންދޫ ސްކޫލުން މައުލޫމާތު ދެއްވި ގޮތުން އެ ސްކޫލުން އައު ޔުނީފޯމެއް ތަޢާރަފުކުރުމުގެ މައިގަނޑު ބޭނުމަކީ 2019 ވަނަ އަހަރަކީ އެ ސްކޫލުގެ ރަންޔޫބީލް އަހަރު ކަމަށް ވެފައި އެ ތާރީޚާ ގުޅުވައިގެން ގެނެވޭ ބަދަލުތަކަކީ ފާހަގަކުރެވޭ ފަދަ ތާރީޚީ ބަދަލުތަކަކަށް ހެދުން ކަމުގައެވެ.

“މިކަމަކީ ބެލެނިވެރިންނާއި މުވައްޒަފުން އަދި ދަރިވަރުން ވެސް ވަރަށް ބޮޑަށް އެދިއެދި ތިބިކަމެއް. އެ ބޭފުޅުން ބޭނުންވަނީ ދަރިވަރުން ބޭނުންކުރާ ޔުނީފޯމަކީ ބޭނުންކުރުމަށް ފަސޭހަ އަދި ޒަމާނީ ޔުނީފޯމަކަށް ހެދުން” އިހަވަންދޫ ސްކޫލުގެ ޕްރިންސިޕަލް އަޙްމަދު ރަޝީދު ވިދާޅުވިއެވެ.

މިހާރުގެ ޔުނީފޯމު ފަރުމާކުރުމުގެ މަސައްކަތް ފަށާފައިވަނީ 2016 ވަނަ އަހަރު ކަމަށް އެ ސްކޫލުން މައުލޫމާތު ދެއްވައެވެ. އިހަވަންދޫ ސްކޫލުގެ އައު ޔުނީފޯމުގައި ހިމެނެނީ މައިގަނޑު2 ސެޓެވެ. އެއީ ފައުންޑޭޝަން އިން ފެށިގެން ގްރޭޑް 5 ގެ ދަރިވަރުންނަށް ޚާއްޞަ ޔުނީފޯމް ސެޓާއި ގްރޭޑް 6 ން ފެށިގެން 12 ގެ ދަރިވަރުންނަށް ޚާއްޞަ ޔުނީފޯމް ސެޓެކެވެ. ކުރިން އެ ސުކޫލުގައި ބޭނުންކުރަމުން އައީ ރާއްޖޭގެ ގިނަ ސްކޫލުތަކުގައި ބޭނުންކުރަމުން ދިޔަ ޔުނީފޯމް ސެޓުތަކެވެ.

“ވަރަށް އުފާވެފަ މި ތިބީ ރީތި އާ ޔުނީފޯމެއް ސްކޫލުން ތަޢާރަފު ކުރީމަ. މިހާރު ވަރަށް ފަސޭހަ” އިހަވަންދޫ ސްކޫލުގެ ގްރޭޑް 10ގެ އަންހެން ދަރިވަރަކު މި ނޫހަށް އެ ކުދިންގެ ޚިޔާލުތައް ހިއްސާކުރިއެވެ.

“އެންމެ އުފާވީ އަތްދިގު ގަމީސް ލާން ފުރުޞަތު އޮތީމަ” އެ ސްކޫލުގެ ގްރޭޑް 12 ގެ ފިރިހެން ދަރިވަރަކު އޭނާގެ ޝުޢޫރުތައް ހިއްސާކުރިއެވެ.

“ބަލައިލަންވެސް ރީތި. ވަރަށް ފުރިހަމަ ޔުނީފޯމެއް. ރަންޔޫބީލް އަހަރު މިކަން ކުރީމަ ވަރަށް އުފާވެރި އިހްސާސެއް ކުރެވެނީ” އިހަވަންދޫ ސްކޫލުގެ ބެލެނިވެރިއަކު އޭނާގެ ޚިޔާލު މި ނޫހާ ހިއްސާކުރިއެވެ.

ފައުންޑޭޝަން ލެވެލް އިން ފެށިގެން ގްރޭޑް 12 އަށް އިހަވަންދޫ ސްކޫލުންދަނީ ކިޔަވައިދެމުންނެވެ. އެ ސްކޫލަށް ފަންސާސް އަހަރު ފުރޭނީ 2019 މޭ 25 ވަނަ ދުވަހުއެވެ.