މައިކަޕް 2018 ގެ ފައިނަލް މެޗުން މާރަންދޫ ޔޫތު ސޮސައިޓީ އަތުން ޖަންގަލް ޓީމް ބަލިވެ ކުރިމަތިވި ނާކާމިޔާބީއަށް ފަހު އެ މެޗުން ބަލިވިތާ މަހެއްވެސް ނުވަނީސް މުހައްމާ ކަޕް 2019 އަންހެނުންގެ ވޮލީމުބާރާތުގެ ޗެމްޕިއަންކަން ހޯދާ މައިކަޕް މުބާރާތުން އެޓީމަށް ލިބުނު ހިތްދަތިކަން ފިލުވާލައިފިއެވެ.
ޖުމްލަ 4 ޓީމް ބައިވެރިވި މުހައްމާ ކަޕްގެ ފައިނަލް މެޗުގައި ގަބީލާ ޓީމާއި ބައްދަލުކޮށް ޖަންގަލް އަންހެން ވޮލީ ޓީމް ޗެމްޕިއަންކަން ހޯދީ ގަބީލާ ޓީމް 3 ސެޓު އެއް ސެޓުން ބަލިކުރުމަށް ފަހުގައެވެ. ގްރޫޕް ސްޓޭޖްގައި މި ދެޓީމް ބައްދަލުކުރި މެޗު 5 ސެޓަށް ގޮސްގެން މޮޅުވެފައިވަނީ ޤަބީލާ ޓީމެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ ފައިނަލް މެޗްގައި ޖަންގަލް ޓީމުން ސެޓްތައް ގެންގޮސްފައިވަނީ ފަސޭހަކަމާއެކު 25-14، 25-17 އަދި 25-17 އިން ނެވެ. ގަބީލާޓީމަށް ލިބުނު ހަމައެކަނި ސެޓް އެޓީމުން ގެންގޮސްފައިވަނީ ވާދަވެރި ކުޅުމަކަށްފަހު 25-23 ންނެވެ. މި މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ޖަންގަލް ޓީމަށް މުބާރާތް ކާމިޔާބު ކޮށްދިނުމުގައި އިސްދައުރެއް އަދާކުރި ޤަޢުމީ އަންހެން ވޮލީޓިމްގެވެސް ކުޅުންތެރިޔާ އައިޝަތު ޝައްފަ އެވެ. އައިޝަތު ޝައްފަ ވަނީ މުބާރާތުގެ މޮޅު ފަސްކުޅުންތެރިން ތެރޭގައި ވެސް ހިމެނިފައެވެ.
މި މުބާރާތުގެ މޮޅު ފަސްކުޅުންތެރިންނަކީ ޤަބީލާ ޓީމްގެ އައިޝަތު މާޖިދާ އާއި އެޓީމްގެ އައިމިނަތު އަރީޝާ، ޖަންގަލް ޓީމުގެ ފާތިމަތު ތޮހޫރާއާއި އެޓީމްގެ އައިޝަތު ޝައްފަ އަދި އައިޝަތު ނައުޝަތުގެ އިތުރުން ވޭވްސް ޓީމުގެ ހައްވާ ރާޝިދާއެވެ.
ޗެމްޕިއަން ޓީމަށް -/35000 ރުފިޔާ އަދި ރަނަރއަޕް ޓީމަށް -/15000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހެޅިގެން ކުރިއަށް ގެންދެވުނު މި މުބާރާތުގެ އެކިއެކި ވަނަތަކަށް ހޮވުނު ޓީމް ތަކަށާއި މަޤާމްތަކަށް ހޮވުނު ކުޅުންތެރިންނަށް އިނާމާއި ހަނދާނީ ލިޔުން ބައްސަވައިދެއްވީ މުބާރާތުގެ ބާނީ އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުޙައްމަދު އަބްދުﷲ އާއި ރަށުކައުންސިލް އަދި އަތޮޅުކައުންސިލްގެ ވެރިންނެވެ.