އިހަވަންދޫ ސްކޫލުގެ ރަންޔޫބީލް ހަރަކާތްތަކަށް އެހީވުމަށް މުއައްސަސާތަކުން އެއްބަސްވެއްޖެ

ފަތުޙުﷲ އަޙުމަދު ރަޝީދު

2019 ވަނަ އަހަރަކީ އިހަވަންދޫ ސްކޫލަށް ފަންސާސް އަހަރު ފުރޭ އެ ސްކޫލުގެ ރަންޔޫބީލް އަހަރު ކަމަށްވާތީ، އެ މުނާސަބާ ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވުމަށް އިހަވަންދޫގެ މުއައްސަސާތަކުން އެއްބަސްވެ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. 2019 ޖަނަވަރީ 13 ވަނަ ދުވަހު ހެނދުނު ރަންޔޫބީލް ހަރަކާތްތަކުގެ ގުނާނަ އިފްތިތާހުކުރުމަށް ބޭއްވި ޚާއްޞަ އެސެންބުލީގައި 8 މުއައްސަސާއަކުން ވަނީ ފަހުމުނާމާގައި ސޮއިކޮށްފައެވެ. އެއީ، އިހަވަންދޫ ކައުންސިލްގެ އިދާރާ، އާމިނާދިއޯ ސިއްހީ މަރުކަޒު، އިހަވަންދޫ މެޖިސްޓްރޭޓް ކޯޓް، ފެނަކަ ކޯޕަރޭޝަން އިހަވަންދޫ ބްރާންޗް، ބޭންކް އޮފް މޯލްޑިވްސް އިހަވަންދޫ ބްރާންޗް، އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު)، ކުލަބު ޕޯލްސްޓަރގެ ފަރާތުން އެ މުއައްސަސާތަކުގެ އިސްވެރިންވަނީ ފަހުމުނާމާގައި ސޮއިކުރައްވާފައެވެ. މި ފަހުމުނާމާގެ ދަށުން، އެ ސްކޫލުން ރަންޔޫބީލްގެ ހަރަކާތްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް މުއައްސަސާތަކުން ކުރެވެން ހުރި ކަންކަމުގައި އެ ސްކޫލަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާކަމަށް އިހަވަންދޫ ސްކޫލުން މައުލޫމާތު ދެއްވައެވެ.

މީގެއިތުރުން ވެސް އިހަވަންދޫގެ އިތުރު މުއައްސަސާތަކާ ދެމެދު އެހީތެރިކަން ފޯރުކޮށްދިނުމުގެ ފަހުމުނާމާތަކުގެ ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިހަވަންދޫ ސްކޫލުގެ ރަންޔޫބީލްގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލެވިފައިވާ ކަމަށް އިހަވަންދޫ ސްކޫލުން މައުލޫމާތު ދެއްވައެވެ. މިގޮތުން، ރަންޔޫބީލްގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ހިންގޭ ހަރަކާތްތަކުގައި ބައިވެރިވުމަށް އެ ސްކޫލުގެ އިސްދަރިވަރުންނާއި އާއްމު ރައްޔިތުންނަށް ހުޅުވާލެވިފައިވާ ކަމަށް ވެސް މައުލޫމާތު ދެއްވައެވެ. މީގެއިތުރުން، ރަންޔޫބީލްގެ ހަރަކާތްތައް ސްޕޮންސަރ ކުރުމަށާއި ހަރަކާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އާއްމުކޮށް ހުޅުވާލެވިފައިވާ ކަމަށް އެ ސްކޫލުން މައުލޫމާތު ދެއްވައެވެ.

ރަންޔޫބީލާ ގުޅުވައިގެން އިހަވަންދޫ ސްކޫލުން ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް އެ ސްކޫލުން ދަނީ ޚާއްޞަ ކޮމެޓީއެއް އެކުލަވައިލައިގެން މަސައްކަތްތަކެއް ކުރަމުންނެވެ.