އިހަވަންދޫ ސްކޫލުގެ ރަންޔޫބީލް ގުނާނަ އިފްތިތާޙްކޮށްފި

ފަތުޙުﷲ އަޙުމަދު ރަޝީދު

2019 ވަނަ އަހަރަކީ އިހަވަންދޫ ސްކޫލަށް ފަންސާސް އަހަރު ފުރޭ، އެ ސްކޫލުގެ ރަންޔޫބީލް އަހަރު ކަމަށް ވާތީ އެ ސްކޫލުގެ ރަންޔޫބީލް ގުނާނަ (ކައުންޓްޑައުން) ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.

2019ވަނަ އަހަރުގެ ދިރާސީ އައު އަހަރު ފެށުމާ ގުޅުވައިގެން 2019 ޖަނަވަރީ 13 ވަނަ ދުވަހު ހެނދުނު 6:30ގައި އިހަވަންދޫ ސްކޫލުގައި ބޭއްވީ ޚާއްޞަ އެސެންބުލީގައި ރަންޔޫބީލް ގުނާނަ އިފްތިތާހު ކޮށްދެއްވީ އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަލްފާޟިލް މުޙައްމަދު އަބުދުﷲއެވެ.

އިހަވަންދޫ ސްކޫލުގެ ރަންޔޫބީލްގެ ހަރަކާތްތައް ކުލަ ގަދަގޮތެއްގައި ފާހަގަ ކުރުމަށް އެ ސްކޫލުން ދަނީ ޚާއްޞަ ކޮމެޓީއެއް އެކުލަވައިލާ އެ ކޮމެޓީގެ ބެލުމުގެ ދަށުން ތަފާތު ކަންކަން ރާވާ ހިންގުމަށް ތައްޔާރުވަމުންނެވެ.

އިހަވަންދޫ ސްކޫލަކީ 830އަށް ވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރަމުންދާ ސްކޫލެކެވެ. ފައުންޑޭޝަން ސްޓޭޖް އިން ފެށިގެން ގްރޭޑް 12 އަށް އެ ސްކޫލުގައިދަނީ ކިޔަވައިދެމުންނެވެ. އިހަވަންދޫ ސްކޫލަށް ފަންސާސް އަހަރު ފުރޭނީ 2019 މޭ 25 ވަނަ ދުވަހުއެވެ.