އިހަވަންދޫގެ މިސްކިތްތަކުގައި ގުރުއާން ކިޔަވާދޭން ފެށުން އިފްތިތާހުކޮށްފި

މުހައްމަދު ޢަބުދުއްޞަމަދު

ރައީސް އިބްރާހިމް މުޙައްމަދު ސޯލިހްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން މިސްކިތްތަކުގައި ގުރުއާން ކިޔަވާދޭން ފެށުން، މިވައުދުގެ ތެރެއިން އިހަވަންދޫގެ މިސްކިތްތަކުގައި ގުރުއާން ކިޔަވާދޭން ފެށުން މިއަދު އިފްތިތާހްކޮށްފި އެވެ.

މިރަސްމިއްޔާތު އޮތީ މިއަދު އަސުރުން އިރުތިރިވެ، 4:15 ގައި އިހަވަންދޫ ނަސްރު މިސްކަތުގައެވެ. މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު އެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުހައްމަދު ރަޝީދު ވިދާޅުވީ މިޕްރޮގްރާމްގެ މަގްޞަދަކީ ކުދިންގެ ހިތްތަކުގައި ގުރުއާން ކިޔެވުމުގެ އާދައަށަގެންނެވުމާއި ގުރުއާން ކިޔަވަން ލޯބި ޖެއްސުން ކަމަށެވެ. އަދި މިސްކިތްތަކަށް ދަރިވަރުން އަހުލުވެރިކުރުވުން ކަމަށެވެ.

“ބެލެނިވެރިންނަށް އަދި ދަރިވަރުންނަށްވެސް ޔަޤީންކޮށްދޭން ބޭނުންވަނީ ހުއްޓުމެއްނެތި އިރާދަކުރެއްވިޔާ މި ޕްރޮގްރާމް ސަރުކާރުން ކުރިއަށް ގެންދަވާހާ ދުވަހަކު އަޅުގަނޑުމެންގެ ކައުންސިލުން ( އިހަވަންދޫ ކައުންސިލުން ) މި ޕްރޮގްރާމަށް ދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން ދެމުން ގެންދާނަން” ރަޝީދު ޔަޤީންކޮށްދެއްވި އެވެ.

އިހަވަންދޫގެ މިސްކިތްތަކުގައި ގުރުއާން ކިޔަވާދޭ ކުލާސްތަކުގައި މިހާތަނަށް 215 ކުދިން ބައިވެރިވެފައިވެއެވެ. ދަރިވަރުން ބައިވެރިވުމުގެ ފުރުޞަތު  އަދިވެސް  އޮންނާނެ ކަމަށް ރަޝީދު ވިދާޅުވިއެވެ.

އިހަވަންދޫގެ ފަސް މިސްކިތެއްގައި ގުރުއާން ކިޔަވާދޭގޮތަށްވަނީ ހަމަޖެހިފައެވެ. ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. ކިޔަވާދެއްވާނީ މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނެވެ.

” މިޕްރޮގްރާމުގެ ތެރެއިން މިސްކިތްތަކުގެ މެދުގައި ގުރުއާން ކިޔެވުމުގެ  ވާދަވެރި މުބާރާތެއް ބޭއްވުމަށް ކައުންސިލަރުންގެ މެދުގައި ވަނީ މަޝްވަރާކުރެވިފައި، އަދި ރައްޔިތުންގެ އާއްމުދަނީ އެކައުންޓުން ޚަރަދުކޮށްގެން އެކިއެކި ދުވަސްތަކުގައި އެކިމިސްކިތްތަކަށް ، ކުދިންނަށް އިތުރުތަމްރީނު ދިނުމަށް ރީތިކޮށް ގުރުއާން ކިޔަވާ ގާރީން ގެންނާނަން” އިހަވަންދޫގެ މިސްކިތްތަކުގައި ގުރުއާން ކިޔަވާދޭން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މިސްކިތްތަކުގެ ގުރުއާން ކިޔެވުމުގެ ޕްރޮގްރާމް މި ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ވަނީ ސަރުކާރުން ފަށާފައެވެ.  އެގޮތުން އެންމެ ފުރަތަމަ 11 އަތޮޅެއްގެ 17 ރަށެއްގެ މިސްކިތުގައި ވަނީ ކްލާސްތައް ފަށާފައެވެ.

ރައީސް އިބްރާހިމް މުޙައްމަދު ސޯލިހްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް 23 ސެކްޓަރަކުން 161 ވައުދުވަނީ ވެފައެވެ.