މައި ކަޕް 2018: ފަޔާޒާއެކު ޖަންގަލް ޓީމު މައި ކަޕުގެ އެންމެ އުހަށް

އިބްރާހިމް ނަޝީދު

އިހަވަންދޫގެ ފުޓުބޯޅައިގެ ތާރީހުގައި ޖަންގަލްއަކީ އެއްގޮތަކަށްވުރެއް ގިނަގޮތްގޮތުން މުހިންމު ނަމެކެވެ. މާޒީގައި އެޓީމުގެ ފަރާތުންވަނީ ފުޓުބޯޅައިގައި ފެންނާނެ ހުރިހާކަމެއް ފެނިފައެވެ. ސިމެންތި ގަށާ މެޝެނުން ޓީމަށް ސަޕޯޓު ދިނުމުގެ އިތުރުން ފުޓުބޯޅައިގެ ފޯރީގައި ލޭ ކެކިގެންދިޔަ އެތައް ސަޕޯޓަރުނެއްގެ ހަރަކާތްތަކެއް ޖަންގަލީގެ މަޒީގެ ސަފުހާތަކުގައިވަނީ ލިޔެވިފައެވެ.

އިހަވަންދޫގައި ބާއްވާ އެންމެ އަގުބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ މައި ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް މިރޭ ޖަންގަލް ޓީމުން ނިކުންނައިރު އެޓީމާމެދު ނަޒަރު ހިންގާލުމަކީ ނެތްކަމެއް ނޫނެވެ. ޖަންގަލް ޑާކު ޕޮއިންޓުގެ ނަމުގައި 2013 ވަނަ އަހަރު އެޓީމުން މައި ކަޕް ތަށި އުފުލާލުމަށްފަހު 2017 ވަނަ އަހަރާ ހަމައަށް މައި ކަޕް ފުޓްބޯޅަ މުބާރާތުގައި ޓީމަށް މާއެދެވޭ ކާމިޔާބެއް ހޯދިފައެއް ނުވެއެވެ.

ނަމަވެސް 2016 ވަނަ އަހަރު ޖަންގަލް ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި ފެނުނު ޙުސައިން ފަޔާޒު (ފަޔާ) އާއެކު ޖަންގަލް ޓީމުން މިއަދު މިވަނީ މައި ކަޕްގެ އެންމެ އުހަށް އަރައިފައެވެ. 2016 ވަނަ އަހަރުގެ މައި ކަޕް މުބާރާތަށް ފަހު ޖަންގަލް ޓީމުން ބޭއްވި ރަސްމިއްޔާތެއްގައި އެޓީމުންވަނީ 2017 ވަނަ އަހަރު މައި ކަޕް ފުޓްބޯޅަ މުބާރާތަށް ނިކުންނާނީ ސީދާ މުބާރާތުގެ ތައްޓަށްކަމަށް ބުނެފައެވެ. އަދި މުބާރާތުގެ ތަށި ނެގޭ ފެންވަރުގެ ޓީމެއް އެ މުބާރާތަށް އެކުލަވާލާނެކަމުގެ އުފާވެރި ހަބަރު މާޔޫސްވެފައިތިބި ޖަންގަލް ޓީމުގެ ސަޕޯޓަރުންނަށް އެޓީމުންވަނީ ދީފައެވެ.

އެފަދަ ރޫހެއް ޖަންގަލް ޓީމުގައި އުފެދުނީ ކިހިނެއް ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު މި ނޫހަށް ދިނީ ޖަންގަލް ޓީމު ވަރުގަދަ ކުރުމުގެ މުގުލުގައި އޭރު ހަރަކާތްތެރިވި ޓީމުގެ މިހާރުގެ ކޯޗު ޙުސައިން ފަޔާޒެވެ.

“އެ އަހަރު (2016 ވަނަ އަހަރު) ކުއާޓަރ ފައިނަލުން އަހަރެމެން ކެޓީ އަރާދުވާ އަތުން ބަލިވެގެން. ކަން ދިމާކުރި ގޮތުން އަހަރެމެންގެ އެނެމް މުހިއްމު ދެ ކުޅުންތެރިންކަމަށްވާ ގައްރައާއި މުއްލިއަށް ޖެހުނީ މެޗުގައި ކުޅެން ތިބެފަ ފުރައިގެން އެއާޕޯޓަށްދާން” އޭރު ޖަންގަލް ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައިހުރި ފަޔާޒު ބުންޗެވެ. ފަޔާޒު އިތުރަށް ބުނި ގޮތުގައި ވާދަވެރި އަރާދުވާ އަތުން މުބާރާތުން އެގޮތަށް ކަޓައިގެން ދިއުމުން ވަރުގަދަކޮށް އެނބުރިއައިސް ކާމިޔާބު ހޯދުމުގެ ވަރުގަދަ ރޫހެއް ޓީމުގައި އުފެދުނެވެ. އަދި އެހިސާބުން 2017 ވަނަ އަހަރުގެ މައި ކަޕަށް ޓީމު ވަރުގަދަ ކުރުމުގެ މަސައްކަތް ފެށީއެވެ.

އެހިސާބުން ޖަންގަލް ޓީމު ފެށި ދަތުރު 2017 ވަނަ އަހަރު ނިންމީ މައި ކަޕްގެ ތަށި އެޓީމުން އުފުލާލުމަށް ފަހުގައެވެ. ފަޔާޒު ފާހަގަކުރި ގޮތުގައި މިދިޔަ އަހަރު ޓީމަށް ތަށިނެގުނީ އެއްމެން އެއް ރޫހެއްގައި ފަހުވަގުތާ ހަމައަށް ކުރި ބުރަ މަސައްކަތުންނެވެ. އެކަމަށްޓަކައި ފަޔާޒުވަނީ ޓީމުގެ ކުޅުންތެރިންނަށާއި ސަޕޯޓަރުންނަށް އަދި އިހަވަންދޫގެ އެންމެހައި ރައްޔިތުންނަށް ވަރަށްބޮޑަށް ޝުކުރުއަދާކޮށްފައެވެ.

ޖުމްލަ 12 ޓީމުން ބައިވެރިވި މައި ކަޕް 12 ވަނަ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ޖަންގަލް ޓީމާއެކު ފަޔާޒު ނިކުންނަނީ މައި ކަޕް ފުޓްބޯޅަ މުބާރާތުން ބަލިނުވެ 12 މެޗު ހަމަކުރުމުގެ ވަރުގަދަ އަޒުމާއެކު މުބާރާތުގެ އިތުރު ރެކޯޑެއް ޤާއިމު ކުރުމަށެވެ. 2017 ވަނަ އަހަރުގެ މައި ކަޕް ފުޓް ބޯޅަ މުބާރާތުން ފެށިގެން ޖަންގަލް ޓީމު ކުޅުނު 11 މެޗުގެ ތެރެއިން 10 މެޗުން ވަނީ މޮޅުވެފައެވެ. މި އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އެޓީމުން އެންވީކޭއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ އެއްވަރުވެގެންނެވެ.

2017 ވަނަ އަހަރެކޭ އެއްގޮތަށް މިއަހަރުގެ މައި ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ޖަންގަލް ޓީމަށް އާދެވުނީ ވަރަށްގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއެކު ފަޔާޒުވަނީ ފާހަގަކޮށްފައެވެ. އެގޮތުން ޓީމުގެ ދެގޮތެއްނުވާ ސަޕޯޓަރުންނާއި ޖަންގަލް ޓީމު ނިސްބަތްވާ ސަރަހައްދުގެ ޒުވާން ކުދިންގެ ހިތްވަރަށް ފަޔާޒުވަނީ ހިތުގެ އިހުލާސްތެރި ޝުކުރުއަދާ ކޮށްފައެވެ. ފަޔާޒުއާ ޖަންގަލް ޓީމުގެ އެދުމަކީ މިރޭގެ ފައިނަލް މެޗުގައި އެޓީމަށް ސަޕޯޓު ކޮށްދީ ޖެހިޖެހިގެން ދެވަނަ ފަހަރަށް މުބާރާތުގެ ތަށި އެޓީމަށް ނަގައި ދިނުމަށް އެހީތެރިވެދިނުމެވެ. އަދި މައި ކަޕް ތައްޓަކީ އިހަވަންދޫގެ ފަސްގަނޑުގައި ހުންނާނެ ތައްޓަކަށް ހަދައިދިނުމަށް އެންމެ ފަހުވަގުތާ ހަމައަށް ޓީމަށް ހިތްވަރު ދިނުމެވެ.