Banner Image Description

ޕޮލިސް ބަލިކޮށް އައި.އެސް.އޭޑީ.އެޗް.ސީ ދެވަނަ ޓީމްގެ ގޮތުގައި ސެމީ ފައިނަލަށް

މުޙައްމަދު އަކުރަމް

އިހަވަންދޫގެ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މެދުގައިކުޅޭ އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖްގެ ފަސްވަނަ މެޗްގައި ކްލަބް އައި.ޕީ.އެސް 0-1 އިން ބަލިކޮށް ދެވަނަ ޓީމެއްގެ ގޮތުގައި އައި.އެސް.އޭޑީ.އެޗް.ސީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިރޭގެ މެޗްގައި ފެނިގެންދިޔަ ހަމައެކަނި ގޯލް ފަހުހާފްގެ ތިންވަނަ މިނެޓްގައި ޖެހީ އައި.އެސް.އޭޑީ.އެޗް.ސީގެ ޖާޒީ ނަންބަރު 22 ނޫޝާން އަބުދުއްރައްޒާގެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީވެސް ނޫޝާންއެވެ.

މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމ މެޗްގައި ބައްދަލުކުރާނީ ގްރޫޕް ސްޓޭޖުން އެއްވަނަ ހޯދައިގެން ސެމީއަށް ދަތުރުކުރި ސީ.އެމް.ސީ އާއި ގްރޫޕް ސްޓޭޖުން ދެވަނަ ހޯދައިގެން ސެމީ ފައިނަލަށް ދަތުރުކުރި އައި.އެސް.އޭޑީ.އެޗް.ސީ އެވެ. ގްރޫޕް ސްޓޭޖުން ސީ.އެމް.ސީ ވަނީ 9 ޕޮއިންޓް ހޯދާފައެވެ. ގްރޫޕް ސްޓޭޖުން އައި.އެސް.އޭޑީ.އެޗް.ސީ 6 ޕޮއިންޓް ހޯދިއިރު، ކްލަބް އައި.ޕީ.އެސް އަށް ލިބިފައިވަނީ 3 ޕޮއިންޓެވެ. މުބާރާތުން ކެޓި ފެނަކަ ޓީމަށް އެއްވެސް މެޗަކަށް ހާޒިރުވެފައިނުވާތީ އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ސެމީ ފައިނަލްގެ ފުރަތަމަ މެޗުން ބަލިވާ ޓީމެއް ފައިނަލްގެ ދެވަނަ ޖާގަ ކަށަވަރުކުރަން ބައްދަލުކުރަން ޖެހޭނީ ކްލަބް އައި.ޕީ.އެސް އާއެވެ. ސެމީ ފައިނަލްގެ ފުރަތަމަ މެޗް މާދަމާރޭ 20:15 ގައި ހުރަވީ ދަނޑުގައި ކުޅޭނެއެވެ. މޫސުން ރަނގަޅުނަމަ ސެމީ ފައިނަލްގެ ދެ މެޗާއި ފައިނަލް މެޗް މިނޫހުން ލައިވް ކުރާނެއެވެ.