ދަނޑުގެ ވަށައިގޮން އޮތް ސަރަހައްދު ސާފުކޮށް ވެލި ޓްރެކެއް ހަދަނީ

މުޙައްމަދު އަކުރަމް

އިހަވަންދޫ ޣާޒީދަނޑުގެ ވަށައިގެންވާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ. މިމަސައްކަތް ކުރަމުންދަނީ އެކުންފުނީގެ ސީ.އެސް.އާރު ގެ ދަށުންނެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓްރ މުހައްމަދު ނާސިހް ރަޝީދު މިކަމާއިމެދު އެމްޓީސީސީ އާއި މަޝްވަރާކޮށް އެކަން އެމްޓީސީސީގެ ސީ.އެސް.އާއު ގެ ދަށުން ކޮށްދިނުމަށް އެދިފައިވާއިރު، މިމަސައްކަތުގައި ބޭނުންކުރަނީ އިހަވަންދޫ ފަޅުގެ މެއިންޓެއިނަންސް ޑެރެޖިންގް ކުރަމުންދާއިރު ނަގާ ފަހެވެ. ޣާޒީދަނޑު ސަބްބޭސް ހެދުމަށްވެސް އެމްޓީސީސީން ފަސް ދޫކޮށްފައިވެއެވެ.

މިކަމާއި ގުޅިގެން އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވީ، އެމްޓީސީސީގެ ސީއެސްއާރުގެ ދަށުން ދަނޑު ވަށައިގެންވާ ސަރަހައްދު ސާފުކޮށް ވެލިއެޅުމުގެ މަސައްކަތް ފަށާފައިވާކަމަށާއި، މިމަސައްކަތުގެ ތެރެއިން ދަނޑުގެ ވަށައިގެން ވެލި ޓެރެކެއް ހެދިގެން ދާނެކަމުގައެވެ.

ޣާޒީދަނޑުގައި ޓާފުއެޅުމުގެ މަސައްކަތް ނިމުމުންވެސް ދަނޑުގެ ވަށައިގެންވާ ސަރަހައްދު ސާފުކޮށް ލެވެލް ނުކުރާތީ އެކަމާއި ގުޅިގެން ގިނަބަޔަކުދިޔައީ ޝަކުވާ ކުރަމުންނެވެ.